ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީއާއި ރެއާލް މެޑްރިޑް ކުޅޭ ދެވަނަ ލެގުގެ މެޗަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ފިޓުކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރާމޯސް ވަނީ ދާދިފަހުން އޭނާއަށް ލިބުނު އަނިޔާއިން ރަނގަޅުވެފައެވެ. އަދި މި މެޗަށް ފިޓުވުމުގެ ގޮތުން ރެއާލްގެ ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވިއެވެ އެންމެފަހުން ރެއާލްގެ މެޗެއްގައި ރާމޯސް ކުޅެފައިވަނީ މިދިޔަ މާރޗު މަހުގެ ތެރޭގައެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ މި މެޗުގައި ފެނިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އެ ޓީމުގެ ކޯޗު ބުނެއެވެ. އެހެންކަމުން މިއީ އެ ޓީމުގެ ފަހަތަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

"އަހަރެމެންގެ ލީޑަރު އަދި ކެޕްޓަން މި މެޗަށް ފިޓު، އެއްވެސް ރިސްކެއް ނުނަގާނަން، ސާޖިއޯ އެބަހުރި، އޭގެ މާނައަކީ ކޮންމެ ހާލެއްގައި ވެސް މި މެޗުން އޭނަ ފެންނާނޭ" މެޗުގެ ކުރިން ވާހަކަދައްކަމުން ޒިދާން ބުންޏެވެ.

މި މެޗާއި ކުރިމަތިލާއިރު ޗެލްސީގެ މުހިއްމު ދެ ކުޅުންތެރިއަކަށް ވަނީ އަނިޔާވެފައެވެ. އެއީ މިޑްފީލްޑަރ މަޓެއޯ ކޮވަސިޗް އަދި ސެންޓަރ ބެކް ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އެވެ. ނަމަވެސް އެ ޓީމުގެ ދެން ތިބި އެހެން ހުރިހާ ކުޅުންތެރިން މި މެޗަށް ފިޓުކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެވަނަ ލެގުގެ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 00:00 ގައެވެ.