އެފްރިކާގެ ޓީމުތަކަކީ ވޯލްޑްކަޕުގައި އަބަދުވެސް ތަފާތު ކުޅުމެއް ދައްކާ ޓީމުތަކެވެ. އެކަން މިދިޔަ ވޯލްޑް ކަޕުގައި ވެސް ފެނިގެން ގޮސްފައި ވެއެވެ. ފަހަރެއްގައި އެއީ، އެ ޓީމުތަކުގެ ކުޅުންތެރިން ވެސް އާދަޔާ ހިލާފަށް ތަފާތުވުމުން ކަމަށް ވެދާނެއެވެ. މިރޭ ރަޝިއާގައި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ފަށާއިރު މިހާރު މި ގެނެސްދެނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅޭ އެފްރިކާއަށް ނިސްބަތްވާ އެންމެ ތަފާތު ފަސް ކުޅުންތެރިންގެ ވާހަކައެވެ.

އޮގެންޔީ އޮނާޒީ

އޮނާޒީ

ނައިޖީރިއާގެ ޓީމުގައި ހިމެނޭ އުމުރުން 25 އަހަރުގެ އޮނާޒީ އަކީ މީގެ ކުރިން އިޓަލީގެ ލާޒިއޯއަށް ކުޅެ އެ ޓީމާއެކު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ހިތްވަރުގަދަ ކުޅުންތެރިއެކެވެ. މިހާރު އޭނާ ތުރުކީގެ ޓްރެބްޒަންސްޕޯ އަށް ކުޅޭ ނަމަވެސް އޭނާ އިޓަލީގެ ރޯމްގައި ކުރި ހިތްވަރު ގަދަ ކަމެއްގެ ވާހަކަ އަދިވެސް ދަނީ ދެކެވެމުންނެވެ.

އޮނާޒީގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ ދެކެވެނީ އިޓަލީގެ ރޯމްގައި އޭނާ ބަލަން ހުއްޓައި އުމުރުން ދުވަސްވީ މީހެއްގެ ވޮލެޓު ވަގަށް ނެގުމުން، ވަގު ކަލޭގެ ފަހަތުން ދުވެ އޭނާ ހިފަހައްޓައި ވޮލެޓު އުމުރުން ދުވަސްވީ މީހާއަށް އަނބުރާ ހޯދައިދިނުމުންނެވެ. އެ ވާހަކަ މީޑިއާގައި ދެކެވުނު ހިސާބުން އޮނާޒީއަށް ވަނީ ތައުރީފު އޮހިފައެވެ.

އޮނާޒީ ވޯލްޑް ކަޕުގައި ފެނިގެންދާނީ އަންނަ އާދީއްތަ ދުވަހު ނައިޖީރިއާ އާއި ކްރޮއޭޝިއާ ކުޅޭ މެޗުގައެވެ.

އިއްސާމް އަލް ހައިދަރީ

މީގެ 22 އަހަރު ކުރިން މިސްރުގެ ގައުމީ ޓީމަށް ކުޅެން ފެށި ހައިދަރީ އަކީ މި އަހަރުގެ ވޯލްޑްކަޕުގައި ފެނިގެންދާނެ ބައެއް ކޯޗުންނަށް ވުރެ ވެސް އުމުރުން ދުވަސްވީ ކުޅުންތެރިއެކެވެ. މިސްރުގެ އެއް ނަމްބަރު ކީޕަރު ކަމަށްވާ ހައިދަރީގެ އުމުރުން މިހާރު ވަނީ 45 އަހަރު ވެފައެވެ. އެހެން ކަމުން އޭނާ މިސްރާއެކު މާދަމާ އުރުގުއޭއާއި ދެކޮޅަށް ނުކުންނަ މެޗުގައި ވޯލްޑް ކަޕް ތާރީހުގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު އޭނާ މުގުރާލާނެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ފާއިތުވެދިޔަ ވޯލްޑް ކަޕުގައި ކޮލަމްބިއާގެ ޓީމުގައި ހިމެނުނު ކީޕަރު ފަރީދު މިންޑްރޮގަން އަތުގައެވެ.

ހައިދަރީ ބުނާ ގޮތުގައި އޭނާއަށް އެހާ ގިނަ ދުވަހު ފުޓުބޯޅަ ކުޅެވުމުގެ ސިއްރަކީ ކޮންމެ ދުވަހަކުވެސް އައިސް ބާތެއްގައި 20 މިނެޓު ހޭދަ ކުރުމެވެ.

ހައިދަރީ ބުނީ އޭނާ ވޯލްޑް ކަޕުގައި ކުޅޭތަން ދެކުމަކީ އޭނާގެ ބައްޕަގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. މިހާރު އޭނާގެ ބައްޕަ މަރުވެފައިވާއިރު އޭނާ ހުރީ ބައްޕަ ފަހުރުވެރިވާނެ ފަދަ ކުޅުމެއް ދައްކަން ތައްޔާރަށެވެ.

މްބާއޭ ނިއަންގް

ސެނެގަލް އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނިއަންގް އުފަންވެ ބޮޑުވީ ފަަރަންސޭސި ވިލާތުގެ ޕެރިހުގެ ރައްބޭރުގައެވެ. އޭނާގެ މައިންބަފައިންނަކީ ސެނެގަލް އިން ހިޖުރަ ކުރި ބައެކެވެ. ޔޫތް ލެވެލް އަދި ސީނިއާ ލެވެލްގައި މީގެ ކުރިން އޭނާ ފްރާންސް އަދި ސެނެގަލް ވެސް ތަމްސީލު ކޮށްފައިވެއެވެ. މީގެ ހަ އަހަރު ކުރިން ސެނެގަލްގެ ސްކޮޑުން ވަކި ވުމަށް ފަހު އަނެއްކާވެސް ސެނެގަލް ތަމްސީލު ކުރަން ނިއަންގް ނިންމީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ނިއަންގް އަކީ ދަނޑުން ބޭރުގައި އަހްލާގީ މައްސަލަތައް ހުންނަ ކުޅުންތެރިއެކެވެ. އަދި އޭނާ ކުރާ ބައެއް ކަންތައްތަކުން ސަޕޯޓަރުންގެ ރުޅިވެރިކަން ވެސް އޭނާއަށް އަމާޒުވެއެވެ.

އެގޮޮތުން ބަލާއި އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ހަނިވެފައި ވަނީ ކާފިއުއެއް އަންގާފައި ވަނިކޮށް ދަންވަރު ވިލައިގެން ނައިޓް ކްލަބަކަށް ދިއުމުންނެވެ. 2016 ވަނަ އަހަރު ކާރު އެކްސިޑެންޓުވުމުން އޭނާ އަށް ވަނީ 11 މަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައެވެ. އަނިޔާއިން ރަނގަޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ކުރި ކަމަކީ ގެއެއްގެ ފުރާޅުމަތިން ސްވިމިން ޕޫލަކަށް ފުންމާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާ ކުރީއެވެ. އެއާ އެކު އޭނާގެ ފަރުވާ ކުޑަކަމުގެ ވާހަކަ ދެކެވެން ފެށިއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ.

އޭސީ މިލާން އަށް ކުޅޭ ނިއަންގް މީގެ ކުރިން ބުނެފައި ވަނީ އޭނާގެ އަމިއްލަ އަމަލުތަކުން ކެރިއަރަށް ގެއްލުން ލިބޭކަން ހުދު އޭނާވެސް ގަބޫލު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު