ރާއްޖޭގެ 16 ރަށެއްގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ޓާފް ދަނޑު އެޅުމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއެކު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ބައްސާމް އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް 100 ރަށެއްގައި ދަނޑު އަޅަމުންދާތީ އެކަމަށް އެހީވުމުގެ ގޮތުން އެފްއޭއެމުގެ ހަރަދުގައި 16 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މިއިން ކޮންމެ ދަނޑަކީވެސް ފީފާ އެޕްރޫވްޑް ޓާފް ދަނޑެއް، ދަނޑުތައް ވަށައިގެން ފެންސް ހުންނާނެ، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށްފަ ހުންނަނެ، އަދި ދަނޑުގައި އިލެކްޓްރޯނިކް ސްކޯ ބޯޑެއް ހަރުކުރެވިގެންދާނެ" ބައްސާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ. މި މަސައްކަތުގެ ދަަށުން ސަރުކާރުން ވަނީ މިހާތަނަށް 10 ރަށެއްގެ ދަނޑުގައި ފެންވަރު ރަނގަޅު ޓާފް އަޅާފައެވެ. ކުޅިވަރާބެހޭ ވުޒާރާއިން މިހާރުވެސް 75 ދަނޑެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެފްއޭއެމުން ޓާފް އަަޅަން ނިންމި ރަށްތައް
- ހއ.ކެލާ
- ށ.ކޮމަންދޫ
- ރ.އިނގުރައިދޫ
- ބ.ކަމަދޫ
- ކ.ހުރާ
- އއ.އުކުޅަސް
- އއ.މާޅޮސް
- އދ.ދަނގެތި
- މ.ނާލާފުށި
- ފ.ބިލެއްދޫ
- ތ.ގުރައިދޫ
- ތ.ވަންދޫ
- ލ.މާބައިދޫ
- ގއ.ގެމަނަފުށި
- ގއ.ކޮލަމާފުށި
- ގދ.ނަޑެއްލާ
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ އެފްއޭއެމުން 16 ދަނޑު އެޅުމަށް ރަށްތައް އެކުލަވާލީ މަޝްވަރާކުރުމަށްފަހު ކަމަށާއި މި ދަނޑުތަކާއެކު ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރަން ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެފްއޭއެމުން މަސައްކަތްކުރަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލުމަށެވެ. ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ލީގު ބާއްވަން މަސައްކަތް ކުރާއިރު މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
އުފާވެރި ޚަބަރެއް. ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރ ޙަސަންޓޭ އަށް ވަރަށް ބޮޑަށް މަރުޙަބާ!
އދ.މަންދޫ ދަޑު ކޮބައިތޯ؟