އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ވޯލްޑް ކަޕެއް ހައްގު ކަމަށް، 2002 ވަނަ އަހަރު ބްރެޒިލްއާއި އެކު ވޯލްޑްކަޕް ކާމިޔާބުކުރި ރޮބާޓޯ ކާލޯސް ބުނެފިއެވެ.

" ޓީވައިސީީ ސްޕޯޓްސް " އަށް ދިން އިންޓަވިއުއެއްގައި ކާލޯސް ބުނީ މެސީއަށް ވޯލްޑްކަޕް ހައްޤު ކަމަށާއި ނަމަވެސް މެސީއަށް ވޯލްޑްކަޕް ކާމިޔާބު ނުކުރެވެނީ އޭނާގެ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ކުޑަވުމުން ކަމަށެވެ. ނަމަވެސް ބްރެޒިލްގައި އޮތީ ވަރަށް އެއްބައިވަންތަ ޓީމެއް ކަމަށާއި މެސީއަށް ބްރެޒިލް ޓީމުގައި ކުޅެން ފަސޭހަ ވާނެ ކަމަށެވެ.

އަދި ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންނަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލުކުރުމުން ކާލޯސް ބުނީ އޭނާއަށް އެންމެ މޮޅީ ނޭމާ އަދި މެސީގެ އިތުރުން ރޮނާލްޑޯ ކަމަށެވެ.

" ރޯނާލްޑޯ އަދި ނޭމާ އަކީ އަހަރެންގެ އަބަދުގެވެސް ފޭވަރިޓުން. އަދި މެސީއަކީ އަހަރެން އަބަދުވެސް ވަރަށް ތާއީދު ކުރާ މޮޅު ކުޅުމެއް ކުޅޭ ކުޅުންތެރިއެއް." ކާލޯސް ބުނެފައިވެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ފަސް ފަހަރެއްގެ މަތިން މެސީ ހޯދާފައިވީ ނަމަވެސް އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ އަށް އަދި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

މިރޭ ރަޝިޔާގައި ވޯލްޑް ކަޕް ފަށާއިރު މިއީ ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދުމަށް މެސީ އަށް ލިބިފައިވާ އިތުރު ފުރުސަތެކެވެ.

އާޖެންޓީނާ އަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕެވެ. އެފަހަރުގެ ފައިނަލްގައި ޖަރުމަނާއި ބައްދަލުކޮށް 0-1 އިން އާޖެންޓީނާ ވަނީ ބަލިވެފައެވެ.