ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއި ގުޅިގެން މިމަހު މާލޭގައި ފެށުމަށް މަސައްކަތްކުރަމުންދާ އޭއެފްސީ ކަޕު ފަސްކޮށްދިނުމަށް އޭއެފްސީގެ ކިބައިން ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން އެދިއްޖެ އެވެ.

މިކަން ހާމަކުރައްވާ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވުމާއި ގުޅިގެން އެފްއޭއެމުން އޭއެފްސީއާއި މަޝްވަރާތައް ފެށީ ދިވެހި ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައި ކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑުގެ ވޭދަނަތައް ރެކޯޑު މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެފަހުން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ފައްސިވީ އިއްޔެ އެވެ. އެއީ 700 އަށްވުރެ ގިނަ މީހުންނެވެ. މި އަދަދުތައް ތިރިކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. މީގެތެރޭގައި ހާއްސަ ހުއްދައިގެ ދަށުން މެނުވީ ކުޅިވަރު މުބާރާތްތައް ނުބޭއްވުން ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އޭއެފްސީ ކަޕް ބޭއްވުމުގެ ހާއްސަ ހުއްދައެއް ލިބުނު ނަމަވެސް މި މުބާރާތް ފަސްކުރުމަށް ރާއްޖެއިން އެދިފައިވާއިރު މިހާތަނަށް އޭއެފްސީ ކަޕުގައި ވާދަކުރާ އެހެން ގްރޫޕުތަކުގެ މެޗުތައް ކުޅޭ ތާރީހު އޭއެފްސީން ވަނީ ބަދަލުކޮށްދީފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާނީ މިމަހުގެ 11 ގައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިމަހުގެ 14 އިން 21 އަށެވެ. ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.