އިނގިރޭސި ޕްރިމިއަރ ލީގުގަައި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހު ކުޅެން ތާވަލުކޮށްފި އެވެ.

މި މެޗު އެންމެ ފުރަތަމަ ކުޅެން ތާވަލުކުރީ މިދިޔަ އާާދީއްތަ ދުވަހުއެވެ. ނަމަވެސް މެޗު ފަސްކުރީ ޔުނައިޓެޑުގެ ސަޕޯޓަރުން ސްޓޭޑިއަމް ތެރެއަށް ވަދެ ހަޅުތާލުކޮށް ތަކެއްޗަށް ގެއްލުން ދިނުމާއި ގުޅިގެންނެވެ.

ޔުނައިޓެޑުގެ ހުރިހާ މިލްކިއްޔާތެއް 2005 ވަނަ އަހަރުން ފެށިގެން ހޯދާފައިވާ "ގްލޭޒަރ ފެމިލީ" އެ ކުލަބުން ބޭރުވުމަށް ގޮވާލާ ސަޕޯޓަރުން ވަނީ ޔުނައިޓެޑުގެ ސްޓޭޑިއަމަށް އެކިވަރުގެ ގެއްލުން ދީފައެވެ. އެގޮތުން ދަނޑުގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ބައެއް ގޮނޑިތަކާއި ގޯލް ދަނޑިއާއި ދާގަނޑުގެ އިތުރުން ބައެއް އެހެނިހެން ސާމާނުތަކެއް ވަނީ ސުންނާފަތިކޮށްލާފައެވެ.

ސަޕޯޓަރުން ގޮވާލަނީ ގްލޭޒަރ ފެމިލީން ޔުނައިޓެޑް އެއްކޮށް ދޫކޮށްލުމަށާއި ކުލަބުގެ ހިއްސާ ނުވިއްކުމަށެވެ. އަދި ކުލަބަށް ލޯބި ޖެހިފައިވާ މީހަކަށް ކުލަބް ދިނުމަށްވެސް ގޮވާލިއެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ރޯމާ ބައްދަލުކުރާނެ އެވެ.މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 6-2 އިން ކާމިޔާބުކުރީ ޔުނައިޓެޑެވެ.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކުރަން މުޅި ޓީމުވެސް ތިބީ ކެތްމަދުވެފައި ކަމަށާއި އަދި ސަޕޯޓަރުންވެސް އެގޮތަށް ބޭނުންވާ ކަމަށެވެ.

"ސަޕޯޓަރުންގެ އާދޭސް އަޑުއަހަންޖެހޭ، ކޮންމެ މީހެއްގެ ވެސް ހައްގެއް އޮވޭ ހަޅުތާލުކުރުމަށް، އެކަމަކު އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން، މީހުންނާއި ތަކެއްޗަށް ގެއްލުންވީމަ އެއީ ތަންކޮޅެއް ބޮޑުވަރު، އެހިސާބުން ގަބޫލުކުރަން އެއީ ހިޔާލު ފާޅުކުރުމެއް ނޫންކަމަށް" މެޗު ފަސްކުރުމާއި ގުޅިގެން ސޯލްޝެއާ މީގެކުރިން ބުނެފައިވެއެވެ.

މި މެޗުގައި ލިވަޕޫލުން ޔުނައިޓެޑް ބަލިކޮށްފިނަމަ ސިޓީ އަށް ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.