ރާއްޖޭގައި މިމަހު ބޭއްވުމަށް ތައްޔާރުވަމުންދާ އޭއެފްސީ ކަޕު ފުޓުބޯޅަ މުބާރާތުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިންވެސް އެ މުބާރާތް ބާއްވަން މަސައްކަތްކުރި ތާރީހަށް ބޭއްވުމަށް ނިންމައިފިއެވެ.

އޭއެފްސީން ޝެޑިއުލަށް ބަދަލު ނުގެންނަން ނިންމީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއި ގުޅިގެން މި މުބާރާތް ބާއްވާ ތާރީހު ފަސްކޮށްދިނުމަށް އެދުމުންނެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އޭއެފްސީގެ ނިންމުމަކީ ހާލަތު ގޯސްނުވާ ނަމަ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ބެލެވުނު ގޮތުގައި ރާއްޖޭގެ ގްރޫޕުގެ މެޗުތައްވެސް އޭއެފްސީން ފަސްކުރާނެ ކަމަށެވެ. އެއީ ހޮންކޮން ގައި ބާއްވާ ގްރޫޕުގެ މެޗުތައް މީގެކުރިން ފަސްކޮށްފައިވުމާއި އެކުގައެވެ. ނަމަވެސް އޭއެފްސީން ނިންމީ ރާއްޖޭގައި އެ ތާވަލުކޮށްފައިވާ ގޮތަށް މެޗުތައް ކުޅުމަށެވެ.

ހަރުކަށި އުސޫލުތަކަކާއި އެކުކޮވިޑުގެ ހާލަތާއި ގުޅިގެން އޭއެފްސީން ރާވާ ހިންގާ މުބާރާތްތަކަށް ވަނީ ވަރުގަދަ ގައިޑްލައިނެއް އެކުލަވާލާފައެވެ، އެހެންކަމުން ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ މެޗުތަކަށް ވެސް މި ގައިޑްލައިނަށް އަމަލުކުރާނެ އެވެ. މި ގައިޑްލައިނުގެ ދަށުން މުބާރާތުގައި ވާދަކުރާ ޓީމުތަކުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައެވެ.

މުބާރާތް ބާއްވާ ގައުމެއްގައި ޓީމުތައް ތިބެން ޖެހޭނީ ހާއްސަ ކުރެވިފައިވާ ވަކި ތަނެއްގައި ކަމާއި ޓީމުތަކަށް ހަމައެކަނި ބޭރަށް ނިކުމެވޭނީ ފަރިތަކުރުންތަކަށް އެކަނި ކަމަށް ގައިޑްލައިންގައި ވެއެވެ. އަދި ކޮންމެ ދުވަހަކު އެއް ފަހަރު ހޫނުމިން ޗެކުކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި ރެންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަން ކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާނީ މިމަހުގެ 11 ގައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިމަހުގެ 14 އިން 21 އަށެވެ. ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.