ޖޭޕީ "ވޯލްޑް ކަޕް އެރީނާ" ގެ ނަމުގައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ކުނޫޒުގައި ހަމަޖައްސައިފިއެވެ.
މިއަދު ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިރޭ ފަށާ ވޯލްޑް ކަޕްގެ މެޗުތައް އެއްތަނެއްގައި ތިބެގެން ބަލާލުމުގެ އިންތިޒާމު މިހާރުވަނީ ޖުމުހޫރީ ޕާޓީން ހަމަޖައްސާފައިކަމެށެވެ.
"ކޮންމެ ޕާޓީއެެއްގެ ކޮންމެ މެމްބަރަކަށް ވެސް މި މެޗްތަށް ބަލާލަން ޖުމުހޫރީ ޕާޓީގެ މައިޖަގަހައަށް ވަދެވޭނެ. މެޗްތަށް ބަލާލަން ބޭނުން ކޮންމެ ބަޔަކަށްވެސް ކުޒޫނު އޮންނާނީ ހުޅުވިފައި" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޖުމުހޫރީ ޕާޓީގެ މި ހަރަކާތަށް ހާއްސަ ލޯގޯއެއް މިހާރު ތައާރަފްކޮށްފައިވާ ކަމަށާއި އަދި ހާއްސަ ހޭޝްޓެގެއްވެސް ވަނީ ތައާރަފް ކޮށްފައި ކަމަށެވެ. މި ހަރަކާތަށް ކަނޑައެޅިފައިވާ ހޭޝްޓެގަކީ "ޖޭޕީ ވޯލްޑް ކަޕް އެރިނާ" އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ މެޗް ބެލުމުގެ ކަންކަން ކުރިއަށް ދާއިރު ތަފާތު އެހެން ހަރަކާތްތައްވެސް ކުނޫޒުގައި ކުރިއަށް ދާނެ ކަމަށެވެ.
"މެޗް ބެލުމުގެ ކަންކަން ކުރިއަށް ދާއިރު ސްކޯ ދިމާކުރުމުގެ ހަރަކާތްވެސް ކުރިއަށްދާނެ. އަތޮޅުތަކުގައި ތިއްބެއްވި ބޭފުޅުންނަށްވެސް ފޯނު މެދުވެރިކޮށް ސްކޯ ދިމާ ކުރެވޭނެ" މައުސޫމު ވިދާޅުވިއެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާއެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރުއެވެ.