ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ވިޔަރެއާލް ދަތުރުކޮށްފި އެވެ.

އާސެނަލްގެ ކުރީގެ ކޯޗު އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅުނު ވިޔަރެއާލުން ފައިނަލަށް ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ނިމުނީ 2-1 އިން އާސެނަލް ބަލިވެގެންނެވެ. ދެވަނަ ލެގު ނިމުނީ 0-0 އިންނެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޔުނައިޓެޑު ކުޅުނު ދެވަނަ ލެގުން އެ ޓީމު ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު 6-2 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޔުނަައިޓެޑެވެ. އެހެންކަމުން ދެވަނަ ލެގުގައި ނަތީޖާ އަނބުރާލަން ރޯމާ ގިނަ ލަނޑުތަކެއް ޖަހަން ޖެހުނު ނަމަވެސް އެ ޓީމަށް އެކަން ނުވިއެވެ. އެހެންކަމުން ޔުނައިޓެޑް ފައިނަލަށް ދިޔައީ 8-5 ގެ އެގްރިގޭޓުންނެވެ.

ރޯމާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ދެވަނަ ލެގުގައި ރޯމާ އަތުން ޔުނައިޓެޑް ބަލިވި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. ފްރެޑް ދިން ބޯޅައަަކުން މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ އެޑިންސަން ކަވާނީ އެވެ. ފުރަތަމަ ހާފު ލީޑުގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ރޯމާގެ ޒެކޯ ޖެހި ލަނޑުން ނަތީޖާ ހަމަހަމަކުރި އެވެ.

މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ރޯމާ އިން ލީޑުނެގިއެވެ. އެއާއެކު ޔުނައިޓެޑުން އަނެއްކާވެސް ލަނޑުޖަހަން ކުރި މަސައްކަތުން 68 ވަނަ މިނެޓުގައި ޔުނައިޓެޑުން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ޖެހީ ކަވާނީ އެވެ. މި މެޗުން ރޯމާ މޮޅުވި ލަނޑަކީ ޔުނައިޓެޑުގެ އެލެކްސް ޓެލްސް އަތުން ބަައިކޮޅަަށް ވަން ގޯލެކެވެ.

ވިޔަރެއާލް އާއި އާސެނަލް ބައްދަލުކުރި މި މެޗުގައި އާސެނަލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެއެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޮބަމަޔަން އަށެވެ.

ޔުނައިޓެޑް ވަނީ މި މުބާރާތް 2017 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން މިއީ ވިޔަރެއާލްގެ ކުލަބް ތާރީހުގައި އެ ޓީމުން ޔޫރަޕުގެ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޮލޭންޑްގެ ގަޑާންސް ގައެވެ.