މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކޮލިފިކޭޝަންގެ ޕްލޭއޮފް މެޗާއެކު ގްރޫޕް ސްޓޭޖަށް ދާން މަސައްކަތްކުރާ ކުލަބް އީގަލްސް ކޭމްޕުކޮށްފި އެވެ.

މިއީ މުބާރާތް ފެށުމުގެ ކުރިން އޭއެފްސީން ކަނޑައަޅާފައިވާ ހަރުކަށި އުސޫލުގެ ދަށުން ކުރަންޖެހޭ ކަމެކެވެ. މި ދެ ޓީމުވެސް ހޮޓަލުތަކުގައި ކޭމްޕުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުލަބް އީގަލްސް ކޭމްޕުކޮށްފައިވަނީ ހޮޓެލް ޖެންގައެވެ. އަދި ޕްލޭއޮފްގައި ވާދަކުރާ ބެންގަލޫރު ޓީމުވެސް ކޭމްޕުކުރަނީ މި ހޮޓަލުގައެެވެ. މާޒިޔާ ކޭމްޕުކުރަނީ ހުޅުމާލޭގެ އަކާސިއާ ގެސްޓްހައުސްއެއްގަ އެވެ.

ރާއްޖޭގެ ދެ ޓީމުގެ އިތުރުން ބެންގަލޫރު އެފްސީ ޓީމުވެސް ކޭމްޕުކޮށްފައިވަނީ ކޮވިޑަށް ޓެސްޓުކުރުމަށްފަހު އެވެ. ކޭމްޕުުކުރާ ހުރިހާ ޓީމަކުންވެސް މި ވަގުތު ތިބި ހޮޓަލުން ދެން ނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އެހެން އެއްވެސް ތަނަކަށް ނުދެވޭނެ އެވެ. އޭއެފްސީގެ ގައިޑްލައިނުގައި ވާ ގޮތުން ބޭނުންވެއްޖެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ނެގޭ ގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ.

މީގެއިތުރުން ކޮންމެ ދުވަހަކު ގަވާއިދުން ކުޅުންތެރިންގެ ހޫނުމިން ޓެސްޓްކޮށް މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ. މީގެއިތުރުން ވެސް އޭއެފްސީގެ މިންގަނޑުތަކާއި ގުޅިގެން ތަފާތު އެކި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ބެންގަލޫރު ޓީމުވެސް މިއަދު ވަނީ މާލޭގެ ހޮޓެލް ޖެންގައި ކޭމްޕުކޮށްފައެވެ. އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފާއިތުވި އަށް މަހެއްހާ ދުވަހު އުޅުނީ އަމިއްލަ "ބަބްލް" އެއްގެ ތެރޭގައެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމު ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގައެވެ.

އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ މާލޭގައި ކުޅޭނީ މެއި 11 ވާ އަންގާރަދުވަހު އެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިގެންދާނެ އެވެ. ރާއްޖޭގައި ބާއްވަން ނިންމާފައިވާ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 14 އިން 21 ގެ ނިޔަލަށެވެ. ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.