މަހުޖަނުންތަކެއް ބާއްވަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގުގައި ވާދަކުރަން ނިންމި 12 ކުލަބުގެ ތެރެއިން 7 ކުލަބަކަށް ޔޫރަޕުގެ ފުޓުބޯޅަައިގެ މައި އިދާރާ ޔުއެފާއިން އަދަބުދީފި އެވެ.

މި މުބާރާތް ބާއްވަން ނިންމި ކުލަބުތަކުގެ ތެރެެއިން ނުވަ ކުލަބުން ވަނީ ޔުއެފާ އާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޔުއެފާއިން ވަނީ އެ ކުލަބުތަކަށް އަަދަބުދޭން ނިންމާފަައެވެ.

ސުޕަ ލީގުގައި ބައިވެރިވާން ނިންމި 12 ކުލަބުގެ ތެރެއިން ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ވަނީ ޔުއެފާއަށް އެއްބާރުލުން ނުދޭން ނިންމާފައެވެ. އެހެންކަމުން ބެލެވޭގޮތުގައި މި ތިން ކުލަބަށް ޔުއެފާއިން ދޭ އަދަބު ބޮޑުވާނެ އެވެ.

ސުޕަ ލީގުގައި ވާދަކުރަން ނިންމި ކުލަބުތަކުގެ ތެރެއިން ނުވަ ކުލަބަކަށް އެޅި ފިޔަވަޅަކީ ޔުއެފާއިން ކޮންމެ ސީޒަނެއްގައި ވެސް އެ ކުލަބުތަކަށް ދޭ ރެވެނިއުގެ 5 އިންސައްތަ އެއް ސީޒަނަށް އުނިކުރުމަށެވެ. މި ނުވަ ކުލަބަކީ އާސެނަލް، އޭސީ މިލާން، ޗެލްސީ، އެތްލެޓިކޯ މެޑްރިޑް، އިންޓަމިލާން، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް އަދި ޓޮޓެންހަމް އެވެ.

"މި ނުވަ ކުލަބުންވެސް ވަނީ ސުޕަ ލީގުގެ ކުރުމަކީ ގޯސްކަމެއް ކަމަށް އެއްބަސްވެ މައާފަށް އެފިފަ، ސަޕޯޓަރުންނާއި ގައުމީ ޓީމުތަކާއި ހުރިހާ ކުޅިވަރު އާއިލާގެ އެންމެންގެ ކިބައިންވެސް މައާާފަށް އެދިފައިވޭ" ޔުއެފާގެ ސްޓޭޓްމަންޓްގައި ވެއެވެ.

ކުރިޔަށްއޮތް ތަނުގައި މި ކުލަބުތަކުން ސުޕަ ލީގު ފަދަ ހުއްދަނެތް މުބާރާތްތަކުގައި ބައިވެރިވާން ނިންމައިފިނަމަ 100 މިލިއަން ޕައުންޑުން ޖޫރިމަނާކުރުމަށް ޔުއެފާއިން ވަނީ ނިންމާފައެވެ. އަދި ކުލަބުތަކާއެކު ވެސް ވަނީ މިކަމަށް އެއްބަސްވެފައެވެ.