ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކި ކުރުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް ޖޫލިއެން ލޮޕެޓެގީ ބުނެފިއެވެ.

ވޯލްޑް ކަޕްގައި ސްޕެއިންގެ ފުރަތަމަ މެޗު ކުޅެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ލޮޕެޓެގީ މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އަށް އެންގުމެއް ނެތި ވޯލްޑް ކަޕަށްފަހު ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވާން އޭނާ ނިންމުމާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުންނެވެ.

ލޮޕެޓެގީ ވަކިކުރުމުން މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމަށް އިރުޝާދު ދޭނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ފެނާންޑޯ ހިއޭރޯއެވެ.

ސްޕެއިންގެ ކޯޗުކަމުން ލޮޕެޓެގީ ވަކިކުރުމާ ގުޅިގެން ރެއާލް އިން ވަނީ ރޭގެ ވަގުތެއްގައި އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި އޭނާ ރަސްމީކޮށް ދައްކާލާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ލޮޕެޓެގީ ބުނީ ސްޕެއިންގެ ކޯޗުކަމުން ވަކި ކުރުމަކީ އޭނާގެ މަންމަގެ މަރަށްފަހު ލިބުނު އެންމެ ބޮޑު ހިތާމަ ކަމަށާއި ނަމަވެސް ރެއާލްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވެވުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"މިއީ އަހަރެންގެ މަންމަގެ މަރަށްފަހު ލިބުނު އެންމެ ބޮޑު ހިތާމަ" ރޮމުން ހުރެ ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ ވަނީ ރެއާލްގެ ކޯޗުކަމާއި ހަވާލުވީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އަށް އެންގުމަކާ ނުލާ ކަމަށްބުނެ އެ އިދާރާގެ ރައީސް ލުއިސް ރުބިއަލެއް ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދީފައެވެ.

"ރެއާލްގެ ކޯޗުކަމާ އަހަރެން ހަވާލުވާން ނިންމާފައިވާކަން އެންމެ ފުރަތަމަ އެނގޭނީ ވެސް ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސަށް. އެއްށްފަހު އަހަރެންނަށް މަރުހަބާ ވެސް ކިޔަމުންދިޔަ. ކުޅުންތެރިންގެ ވެސް އެކަން ބަލައިގަތީ ވަރަށް ރަނގަޅަށް. އެކަމަކު އޭގެ އަނެއް ދުވަހު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ. އޭގެފަހުން ކަންތައްތައް ވީ ގޮތެއް އަހަންނަކަށް ވެސް ނޭނގޭ. އެކަމާ ގުޅޭގޮތުން އަހަރެން ދައްކާނެ އިތުރު ވާހަކައެއް ނެތް" ލޮޕެޓެގީ ބުންޏެވެ.

ސްޕެއިންގެ ކޯޗުކަމުން ވަކި ކުރިއަސް އެޓީމުގެ ކުޅުންތެރިންނަށް ސަޕޯޓު ކުރާނެ ކަމަށާއި މިފަހަރުގެ ވޯލްޑް ކަޕް ސްޕެއިން އިން ކާމިޔާބު ކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ ސްޕެއިންގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ސްޕެއިން އެއްވެސް މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.