ކޯޗު ބަދަލުވިޔަސް ސްޕެއިންގެ ޓީމަށް އެކަމާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށް އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްޕެއިން މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނިކުންނައިރު ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން ވަނީ މިދިޔަ ބުދަ ދުވަހު އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޖޫލިއެން ލޮޕެޓެގީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އަށް އެންގުމެއް ނެތި ވޯލްޑް ކަޕަށްފަހު ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވާން އޭނާ ނިންމުމާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުންނެވެ.

ލޮޕެޓެގީ ވަކިކުރުމުން މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމަށް އިރުޝާދު ދޭނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ފެނާންޑޯ ހިއޭރޯއެވެ.

މިރޭގެ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސް ބުނީ ފާއިތުވި ދުވަސްތަކުގައި ހިނގާދިޔަ ކަންތައްތައް މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު ކުރިއަށްދާންޖެހޭ ކަމަށާއި މިވަގުތަށް އެންމެ ރަނގަޅުވާނީ ހުރިހާ އެންމެންގެ ފޯކަސް ވޯލްޑް ކަޕަށް ބެހެއްޓުން ކަމަށެވެ.

އަދި ލޮޕެޓެގީ އަށްފަހު ސްޕެއިންގެ ކޯޗުކަމާއި ހަވާލުވާން ހިއޭރޯ އަށް ވުރެ ވަކި ގާބިލު މީހެއް ނެތްކަމަށްވެސް ރާމޯސް ބުންޏެވެ.

"ވަރަށް ދިގު މުއްދަތެއް ވަންދެން އަހަރުމެން ދަންނަ ފަރާތެއް ހިއޭރޯ އަކީ. އޭނާ އަކީ މި މަގާމަށް ހަމަ އެންމެ ގާބިލު ފަރާތް. ހިނގައިގެން މިދިޔަ ކަންތައްތަކުގެ އަސަރު މުބާރާތުގެ ތެރޭގައި އަހަރުމެންނަކަށް ނުކުރާނެ" ރާމޯސް ބުންޏެވެ.

ހިނގައިގެންދިޔަ ކަންތައްތަކާ ގުޅިގެން ސްޕެއިންގެ ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި ކުޅުންތެރިން އަދިވެސް ތިބީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށްވެސް ރާމޯސް ބުންޏެވެ. އަދި މިރޭ ސްޕެއިން އިން ނިކުންނަނީ ބޮޑު މެޗަކަށް ކަމަށާއި އުއްމީދަކީ މުބާރާތް ރަނގަޅު ގޮތަކަށް ފެށުން ކަމަށްވެސް އޭނާ ބުންޏެވެ.

"ހިނގައިގެން މިދިޔަ ކަންތައްތައް މާޒީގެ ތެރެއަށް ވީހާވެސް އަވަހަކަށް ދުއްވާލުން އެއީ އެންމެ ރަނގަޅު ގޮތަކީ. އެ ކަންތައްތަކަށް މާބޮޑަށް ފޯކަސް ކުރުމުގެ ބޭނުމެއް ނެތް. މިރޭ އަހަރުމެން މި ނިކުންނަނީ އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުންނާއި ދެކޮޅަށް. މިއީ އަހަރުމެން މިހާރު ފޯކަސް ބަހައްޓަންޖެހޭ ހަމައެކަނި ކަމަކީ. އެހެން ހުރިހާ ކަމެއް ހަނދާނުން މިހާރު ފޮހެލަންޖެހޭ" ރާމޯސް ބުންޏެވެ.

ރަޝިޔާގެ ފިޝްޓް ސްޓޭޑިއަމްގައި މިރޭ ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން 11:00 ޖަހާއިރުއެވެ.