ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އުރުގުއޭ އާއި ދެކޮޅަށް ކުޅޭ މެޗަށް މިސްރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހު ފިޓުވެއްޖެއެވެ.

ލިވަޕޫލް އަށް ކުޅެމުން އަންނަ ސަލާޙުގެ ކޮނޑަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 1-3 އިން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. ވޯލްޑް ކަޕްގެ ކުރިން އެ އަނިޔާ އިން ރަނގަޅުވުމަށް ފާއިތުވި ދުވަސްތަކުގައި ސަލާހު ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

މިއަދުގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުނީ އަނިޔާ އިން ވަރަށް އަވަހަށް ސަލާހު ރަނގަޅު ވެފައިވާ ކަމަށާއި މިއަދުގެ މެޗުގައި ސަލާހު ކުޅޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ.

"ފަހުވަގުތު ކަމެއް ދިވާނުވެއްޖެނަމަ މިއަދުގެ މެޗުގައި ސަލާހު ކުޅޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވަން" ކޫޕާ ބުންޏެވެ.

މިއަދުގެ މެޗަށް ސަލާހު ފިޓުވެފައިވާއިރު ކޫޕާ ވަނީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރާ ކުޅުންތެރިއަކަށް ސަލާހު ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައެވެ.

"ސަލާހުގެ ކިބައިގައި ހުރި ހުނަރު ވަރަށް ރަނގަޅަށް އޭނާ ވަނީ ދައްކުވައިދީފައި. އެއްވެސް މީހަކަށް ނުބުނެވޭނެ ސަލާހު އަށް މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަށް ނުވެވޭނެއޭ. އޭގެ އިތުރަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުގެ ފުރުސަތު ވެސް ސަލާހު އަށް އެބައޮތް" ކޫޕާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކައި ސަލާހު ވަނީ ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައެވެ. އެގޮތުން ސަލާހު ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލް އަށް ކުޅެދިން 51 މެޗުގައި 44 ގޯލު ކާމިޔާބުކޮށްދީފައެވެ.

ސަލާހުގެ އިތުރުން މިއަދުގެ މެޗަށް މިސްރު ޓީމުގެ ޑިފެންޑަރު އަލީ ގަބްރް ވެސް ވަނީ ފިޓުވެފައެވެ.

ގްރޫޕް އޭގައި ހިމެނޭ މިސްރާއި އުރުގުއޭ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން ފަހެއް ޖަހާއިރުއެވެ.