ފްރާންސްގެ ޕީއެސްޖީއާއެކު އެ ކުލަބުގެ ތަރި ބްރެޒިލްގެ ނޭމާ ހަދާފައިވާ އެއްބަސްވުން 2025 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މީގެކުރިން ނޭމާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާގެ އެއްބަސްވުން ހަމަވާނެއެވެ. އަލަށް ސޮއިކުރި އެއްބަސްވުމާއެކު އިތުރު ތިން އަހަރު އެ ކުލަބުގައި ނޭމާ މަޑުކުރާނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއާއެކު ނޭމާ ސޮއިކޮށްފައިވާ އާ އެއްބަސްވުމުގައިވާ ގޮތުން އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް އޭނާއަށް ލިބޭނެއެވެ. މީގެއިތުރުން އެހެނިހެން ގޮތްގޮތުން ނޭމާއަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވެއެވެ.

އަލުން ބާސެލޯނާއަށް ނޭމާ ދާނެކަމަށް އަޑުފެތުރުނު ނަމަވެސް ނޭމާ ވަނީ ފަހުން އެއީ ތެދެއްނޫން ކަމަށް ބުނެފައެވެ. ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއާއި ގުޅުމަށްފަހު އަދި މިހާތަނަށް އޭނަގެ އެންމެ މޮޅު ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ. ނަމަވެސް ނޭމާއަކީ ޕީއެސްޖީގެ ވެރިޔާ ނާސިރު އެލް ހެއްލާފީ ގެ ފެވަރިޓެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޭމާ ބުނީ އޭނާ އެއްބަސްވުން އާކުރަން ނިންމީ ޕީއެސްޖީއާއި މެދު ހިތްހަމަޖެހޭތީ ކަމަށާއި އިތުރު ކާމިޔާބީތަކެއް އެ ކުލަބުގައި ހޯދަން ބޭނުންވާތީ ކަމަށެވެ.

ޕީއެސްޖީގައި ނޭމާ މިހާތަނަށް ގިނަ ލޯކަލް މުބާރާތްތަކެއް ވަނީ ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި ތިން ފަހަރު ލީގުގެ ތައްޓާއި ފްރާންސް ކަޕާއި ސުޕަ ކަޕް މިއިން ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ.