ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ރިޒޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނޭވާ ޖާނީގައި ދުނިޔޭގެ މަގްބޫލު ފުޓުބޯޅަ ތަރި ބްރެޒިލްގެ ރޮނާލްޑީނިއޯގެ ހާއްސަ ފުޓުބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ނ. މެދުފަ.ލރުގައި ހިންގާ ސޮނޭވާ ޖާނީގައި ބާއްވަން ނިިންމާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ރާއްޖެ އައުމަށްވެސް ހަމަޖެހިފައިވަނީ އެ ދުވަހުއެވެ. މިކަން ހާމަކޮށް ސޮނޭވާގެ ވެބްސައިޓުގައި ވަނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާގައި އެ ރިޒޯޓުގައި ތިބި ޒުވާން ފުޓުބޯޅަ ސަޕޯޓަރުންނަށް ކަމަށް އެ ރިސޯޓުން ބުނެއެވެ.

މި ޓްރެއިނިން ކޭމްޕު ކުރިޔަށްގެންދާ ގޮތަށް ނިންމާފައިވަނީ 90 މިނެޓަށެވެ. ފީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބޮލަކަށް 1500 ޑޮލަރެވެ. މި ކޭމްޕުން ލިބޭ ހުރިހާ ފައިސާއެއް ދިނުމަށް ހަމަޖެހިފައިވަނީ ޗެރިޓީއަށެވެ.

ސޮނޭވާ ޖާނީގައި ބާއްވާ މި ކޭމްޕުގައި ރޮނާލްޑީނިއޯގެ ހާއްސަ ހުނަރުތައް ބައިވެރިންނަށް ކިޔައިދީ، ކޭމްޕުގައި ބައިވެރިވާ ފަރާތްތަކާއެކު ވަގުތުތަކެއް ހޭދަކުރާނެ އެވެ. މީގެތެރޭގައި ފޮޓޯނެގުމުގެ ހާއްސަ ސެޝަނަކާއި ޖާރޒީގައި ސޮއިކުރުމުގެ ފުރުސަތު މި ސެޝަންގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ސޮނޭވާ އިން މައުލޫމާތުދެއެވެ.

މިހާރު ޕްރޮފެޝަނަލް ކެރިއަރު ނިންމާލާފައިވާ ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައާއި ގުޅުންހުރި ގިނަ ޕްރޮގްރާމްތަކެއް ބާއްވާފައެވެ. މީގެތެރެއިން އަވައްޓެރި އިންޑިއާގައި ވެސް ގިނަ ޕްރޮގްރާމްތައް އޭނާ ކުރިޔަށްގެންދިޔަ އެވެ.