ސްޕެނިޝް ލީގުގައި މިރޭ ތާވަލުގެ އެއްވަަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެވަނައިގައި އޮތް ބާސެލޯނާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އެއްވަނައަށް އަރަން ރެއާލް މެޑްރިޑަށް މަގު ތަނަވަސްވެއްޖެ އެވެ.

މި ނަތީޖާއާއި ގުޅިގެން ލީގުގެ އެއްވަނައަށް އަރަން ބާސާ ކުރަންޖެހޭ މަސައްކަތަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދެ ޓީމު އެއްވަރުވުމާއި އެކު އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 35 މެޗުން ލިބުނު 77 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 35 މެޗުން ލިބުނު 75 ޕޮއިންޓާއެކު އެވެ.

ތާވަލުގެ ތިންވަނައިގައި ރެއާލް މެޑްރިޑް އޮތީ ކުޅުނު 34 މެޗުން ލިބުނު 74 ޕޮއިންޓާއެކު އެވެ. ރެއާލް ދެން ކުރިޔަށް ކުޅެން އޮތީ ހަތަރުވަނައިގައި އޮތް ސެވިއްޔާ އާއެވެ. މި މެޗުން މޮޅުވެއްޖެ ނަމަ އެތްލެޓިކޯ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަވި ނަމަވެސް ރެއާލަށް އެއްވަނަ ލިބޭނީ ހެޑް ޓު ހެޑް އަށް ބެލުމަށްފަހު އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކުރި އެވެ. މި މެޗުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. އަނެއްކޮޅުން އެތްލެޓިކޯގެ ލުއިސް ސުއަރޭޒް އަށްވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.

މި މެޗު ކުޅުނުއިރު ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ހުރީ ސަސްޕެންޝަނުގައެވެ. މި ނަތީޖާއާއެކު ލީގު ހޯދުމަށް ބާސާއަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.