އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން މިފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޖެހިފައިވާ މެންޗެސްޓަރ ސިޓީއަށް ލީގު ކަށަވަރުކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ލީގު ކަށަވަރުކުރަން ސިޓީއަށް ބާކީ ބޭނުންވަނީ އެންމެ މޮޅެކެވެ. މިއާއެކު ސިޓީއަށް އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަންވިލާ މާދަމާ ބައްދަލުކުރާ މެޗުން ޔުނައިޓެޑް ބަލިވެއްޖެ ނަަމަ ސިޓީއަށް ލީގު ކަށަވަރުވާނެ އެވެ. މިދިޔަ ހަފުތާގައި ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗުން ޔުނައިޓެޑް ބަލިވިނަމަވެސް ސިޓީއަށް ލީގު ލިބެން އޮތެވެ. ނަމަވެސް ޔުނައިޓެޑުގެ ދަނޑުގައި ކުޅެން އޮތް އެ މެޗުގެ ކުރިން އެ ޓީމުގެ ސަޕޯޓަރުން ދަނޑުމައްޗަށް އެރުމުން އެ މެޗު ފަސްކުރިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ސިޓީންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ސާޖިއޯ އަގުއެރޯ ތަނަވަސްކުރި ބޯޅައަކުން ކާމިޔާބުކުރީ ރަހީމް ސްޓާލިން އެވެ. އޭގެފަހުން ފުރަތަމަ ހާފުގެ އިތުރު މިނެޓުގައި ސިޓީއަށް ޕެނަލްޓީއެއް ލިބުނެވެ. ސާޖިއޯ އަަގުއެރޯއަށް ލިބުނު އެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ދެވަނަ ހާފުގެ 63 މިނެޓުގައި ޗެލްސީން ނަތީޖާ އެއްވަރުކުރި އެވެ. ސެޒާ އަޒްޕިލިކުއެޓާ ދިން ބޯޅައަކުން މި ގޯލު ޖެހީ ހަކީމް ޒިޔެޗް އެވެ. މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ޖެހީ މާކޮސް އަލޮންސޯ އެވެ.

ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޔުނައިޓެޑް އޮތީ 33 މެޗުން 67 ޕޮއިންޓާއެކު އެވެ. މި މޮޅާއެކު ޗެލްސީ ތިންވަނައަށް ޖެހިލިއިރު އެ ޓީމު އޮތީ 35 މެޗުން 64 ޕޮއިންޓާއެކު އެވެ.

ޗެލްސީއާއި ސިޓީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުންވެސް ޖާގަ ހޯދާފައެވެ. މިމަހުގެ 29 ގައި މި ދެ ޓީމު ބައްދަލުކުރާނީ ތުރުކީގެ އިސްތަމްބުލް އިންނެވެ.