އޭއެފްސީ ކަޕުގެ ގްރޫޕްސްޓޭޖުގެެ މެޗުތައް ކުޅުމަށް ރާއްޖެ އައުމުގެ ކުރިން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ގެ ދެ ކުޅުންތެރިއެއް ހެދި ކޮވިޑު ޓެސްޓުތަކުން ފައްސިވެއްޖެ އެވެ.

މިއީ އޭއެފްސީގެ ޕްރޮޓޮކޯލްގެ ދަށުން ކޮންމެ ޓީމެއްވެސް އެހެން ގައުމަކަށް ފުރުމުގެ ދެ ދުވަސްކުރިން ހަދަންޖެހޭ ޓެސްޓެކެވެ. ދެ ދުވަހަށްފަހު މޯހަން ބަގާން ޓީމު ދަތުރުކުރަން ހަމަޖެހިފައި ވަނީ ރާއްޖެއަށެވެ. ނަމަވެސް ދެ ކުޅުންތެރިއެއް ފައްސިވުމާއެކު އަދި ރާއްޖޭގައި ބާއްވަން އުޅުނު މުބާރާތް ފަސްކުރުމާއެކު މިހާރު އެ ޓީމުން މަޑުކުރަނީ އޭއެފްސީގެ ޖަވާބަކަށެވެ.

މޯހަން ބަގާންގެ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރީ މިދިޔަ ހުކުރުދުވަހު ކަލްކަތާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. އެ ޓީމުން ކޮވިޑަށް ފައްސިވި ދެ ކުޅުންތެރިންނަކީ ޕްރަބީރް ދާސް އާއި ސާހިލް އެވެ. މި ދެ ކުޅުންތެރިން ފައްސިވުމާއެކު ވަނީ ޓީމުން އެކަހެރިކޮށްފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ގްރޫޕުގެ ދެން ޖާގަ ލިބޭނީ އީގަލްސްއާއި ބެންގަލޫރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. ނަމަވެސް ބެންގަލޫރު ޓީމުން ކޮވިޑުގެ ޕްރޮޓޮކޯލްތަކާއި ހިލާފުވެ ބޭރުތެރޭގައި އުޅުމުން ރާއްޖޭގައި މި މެޗު ނުކުޅެން ނިންމާ މުބާރާތް ނުބޭއްވޭނެކަން އޭއެފްސީއަށް ރޭ އެންގިއެވެ.

މޯހަން ބަގާންގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފިޖީގެ ރޯއި ކްރިޝްނާ ވަނީ މެއި 14 ވަނަ ދުވަހު ފިޖީ އިން ރާއްޖެ އަންނަން ނިންމާފައެވެ. އަދި އެ ޓީމުގެ އިތުބާރު ގޯލްކީޕަރު އަރިންދަމް ވެސް ވަނީ އޭނާގެ މަންމަ ކޮވިޑަށް ފައްސިވުމާއި ގުޅިގެން އާއިލާއާއެކު ވަގުތު ހޭދަކުުރުމަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ.

އޭއެފްސީން މުއްދަތެއް ނެތްގޮތަށް ރާއްޖޭގައި ބާއްވަން އުޅުނު މުބާރާތް ފަސްކޮށްފައިވާއިރު މި މުބާރާތާއި ގުޅިގެން އޭއެފްސީން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.