މި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް އޭއެފްސީން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

މިކަން ހާމަކޮށް އޭއެފްސީ ވެބްސައިޓުގައި ބުނެފައިވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ފަސްކުރަން ނިންމާފައިވާ ކަމަށާއި މިހާރު ރާއްޖޭގައި ތިބި ޓީމުތައް އެނބުރި ގައުމަށް ދިއުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށެވެ.

މި މުބާރާތަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗު ކުޅެން ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. މި މެޗުގައި ބައްދަލުކުރާނީ ބެންގަލޫރު އެފްސީއާއި ރާއްޖޭގެ ކުލަބް އީގަލްސްއެވެ. ނަމަވެސް ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާއި ހިލާފުވެ ބޭރުތެރޭގައި އުޅުމުގެ ސަބަބުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ރާއްޖޭގައި މެޗު ނުކުޅޭނެކަން އަންގާފަައެވެ. އަދި އެފްއޭއެމުން އިއްޔެ ވަނީ މުބާރާތް އެ ތާރީހުގައި ރާއްޖޭގައި ނުބޭއްވޭނެކަން އޭއެފްސީއަށް އަންގާފައެވެ.

މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ސެންޓްރަލައިޒް ކޮށް މި މެޗުތައް ރާއްޖޭގައި ކުޅެން ނިންމިއިރު މިއީ ގިނަ ބައެއްްގެ ބުރަ މަސައްކަތުން ރާއްޖޭގައި ބާއްވަން ލިބުނު މުބާރާތެކެވެ.

ބެންގަލޫރު ޓީމުން ޕްރޮޓޮކޯލްއާއި ހިލާފުވީ ހޮޓެލް ޖެންގައި ކޭމްޕުކުރަނިކޮށް ޓީމުގެ ކުޅުންތެރިންނަށް ހޮޓަލުންނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަނިކަމަށް އަންގާފައިވަނިކޮށް އިއްޔެ މެންދުރުފަހު ބޭރުތެރޭގައި އުޅުމުންނެވެ.

ބެންގަލޫރު ޓީމުން ޕްރޮޓޮކޯލްއާއި ހިލާފުވުމުގެ ސަބަބުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއިި އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ގޮންޖަހާ އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިހާރުން މިހާރަށް ބެންގަލޫރު އެފްސީ ޓީމު ރާއްޖެ ދޫކޮށް ދިއުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިފަދަ ދުވަސްވަރެއްގައި ކޮންމެހެންވެސް މެޗްތައް ބާއްވަން ޖެހޭތަ؟ ފޮނިދައްކަންވެގެން އުޅޭ ބައެއް. ރީތިވެއްޖެއެއްނު. އިންޑިޔާ މީހުން ގެންނަންވެއްޖެ ވިއްޔަ އެހާވަރަށް އެތާނގައި ބަލިފެތުރެމުންދާއިރުވެސް.