ކޮވިޑް-19 އާއި ގުޅިގެން އޭއެފްސީއާއި ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވީތީ މައާފަށް އެދޭ ކަމަށާއި އުސޫލުތަކާއި ހިލާފުވި ކުޅުންތެރިންނާއި އޮފިޝަލުންނަށް ފިޔަވަޅުއަޅާނެ ކަމަށް ބެންގަލޫރު އެފްސީގެ ވެރިޔާ ޕާތް ޖިންދާލް ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި ކުރި ޓްވީޓެއްގައި ބެންގަލޫރު އެފްސީގެ ވެރިޔާ ވިދާޅުވީ ދެއްކޭނެ އިތުރު ބަހަނާއެއް ނެތްކަމަށާއި ކްލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު އަމަލަށް ކްލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.

ބެންގަލޫރު އެފްސީގެ އިތުރުން އިންޑިއަން ސުޕަ ލީގުގެ ދިއްލީ ކެޕިޓަލްސްގެ ވެރިޔާކަން ވެސް ކުރަމުން އަންނަ ޕާތް ޖިންދާލް ވިދާޅުވީ މި މައްސަލައިގައި ކުލަބުގެ ތެރެއިން އަޅާނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާނު ނުވާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ވިދާޅުވިއެވެ.

މައްސަލަ ގޯސްވީ އިއްޔެގެ ވަގުތެއްގައި ބެންގަލޫރު އެފްސީގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު ހޮޓަލުން ބޭރުގައި އުޅެނިކޮށް ނެގި ފޮޓޯއަކާއި ގުޅިގެންނެވެ. އޭއެފްސީގެ ޕްރޮޓޮކޯލްތަކުގައިވާ ގޮތުން އެއްވެސް ކުޅުންތެރިއަކަށް ބޭރަކަށް ނުނިކުމެވޭނެ އެވެ.

މީގެއިތުރުން މިއަދުގެ ވަގުތެއްގައި ބެންގަލޫރު އެފްސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މާދަމާގެ ވަގުތެެއްގައި ރާއްޖެއިން ފުރާނެކަމަށް ބުނެފައެވެ. އަދި ކުލަބުގެ އެތެރެއިން މި މައްސަލައިގައި ގޮތް ނިންމާނެ ކަމަށާއި އުސޫލުތަކާއި ހިލާފުވި މައްސަލައިގައި ކުލަބުގެ ފަރާތުން މައާފަށް އެދޭކަމަށެވެ.

ބެންގަލޫރު ޓީމުން ޕްރޮޓޮކޯލްއާއި ހިލާފުވުމުގެ ސަބަބުން މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއިި އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ގޮންޖަހާ އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިހާރުން މިހާރަށް ބެންގަލޫރު އެފްސީ ޓީމު ރާއްޖެ ދޫކޮށް ދިއުމަށް މަހްލޫފް ވަނީ ރޭ ގޮވާލައްވާފައެވެ.