އިޓާލިއަން ލީގުގެ ވަރުގަދަ ޔުވެންޓަސް އަތުން 3-0 އިން ހޯދި މޮޅާއެކު ތާވަލުގެ ތިންވަނައަށް އޭސީ މިލާން ޖެހުނުއިރު އިބްރަހިމޮވިޗަށް އަނިޔާވެ ޔޫރޯ ނުކުޅެވިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މި ނަތީޖާއާއެކު އޭސީ މިލާން ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 72 ޕޮއިންޓާއެކު އެވެ. އަދި ޔުވެންޓަސް ތާވަލުގެ ފަސްވަނައަށް ވެއްޓުނުއިރު އެ ޓީމު އޮތީ 35 މެޗުން ލިބުނު 69 ޕޮއިންޓާއެކު އެވެ.

މި މެޗުގައި އޭސީ މިލާނުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އޭރިއާ ބޭރުން ފޮނުވާލި ރީތި ބޯޅައަކުން މި ގޯލު ކާމިޔާބުކުރީ އުއްމީދީ ކުޅުންތެރިޔާ ބްރަހިމް ޑިއާޒް އެވެ. އޭގެއިތުރުން 58 ވަނަ މިނެޓުގައި އޭސީ މިލާނަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސ ްޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

މިލާނުން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކުރީ 78 ވަނަ މިނެޓުގައި އަންޓޭ ރަބިޗް އެވެ. މިއީ މި ހާފުގައި އަނިޔާވެގެން ދަނޑުން ބޭލި އިބްރަހިމޮވިޗްގެ ބަދަލުގައި އެރި ކުޅުންތެރިއެކެވެ. އަދި އޭސީ މިލާނުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފިޔާކޯ ޓޮމޯރީ އެވެ.

ޔުވެންޓަސް އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި އިބްރަހިމޮވިޗްގެ ކަކުލަށް ވަނީ ގެއްލުންވެފައެވެ. އަނިޔާވުމުން ދަނޑުމަތީގައި ވަގުތުތަކެއް ހުރުމަށްފަހު އޭނާ ވަނީ ދަނޑުން ފައިބާފައެވެ. އެއާއެކު ކުރިޔަށްއޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޭނާ ނުފެނިދާނެ ކަމާމެދު ވަނީ ސުވާލުތައް އުފެދިފައެވެ. ރިޕޯޓުތައް ބުނާގޮތުން އިބްރަހިމޮވިޗްގެ އަނިޔާގެ ތަފްސީލެއް ލިބޭނީ އިތުރު ޓެސްޓުތަކަކަށް ފަހު އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އޭނާގެ އަނިޔާ ސީރިއަސްއެއް ނޫނެވެ.

އުމުރުން 39 އަހަރުގެ ފޯވާޑްއަށް އަނިޔާވުމާއި ގުޅިިގެން އޭސީ މިލާނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެޗަށްފަހު މިލާނުގެ ކޯޗު ބުނީ މި މެޗަށް އިބްރަހިމޮވިޗް އެއްކޮށް ފިޓު ނޫން ކަމަށާއި އޭނާގެ ކަކުލުގައި ރިއްސާތީ އުޅޭ ކަމަށެވެ. އަދި އުއްމީދަކީ ސީރިއަސް އަނިޔާއެއް ނުލިބި އެނބުރި ކުޅުމުގެ ތެރެއަށް އަވަސް މުސްތަގްބަލެއްގައި އައުން ކަމަށް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު