ސްޕެނިޝް ލީގުގައި ސެވިއްޔާ މޮޅުވާން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހަޒާޑް ކާމިޔާބުކުރި ލަނޑުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުން މޮޅުވެ އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. ނަމަވެސް އެއްވަރުވުމުން ރެއާލަށް މިހާރު ވަނީ ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ރެއާލްގެ ކަރިމް ބެންޒެމާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރު ބެލުމަަށްފަހު ރެއާލް ގެ ކުޅުންތެރިއެއް އޮފްސައިޑުގައި ހުރުމުގެ ސަބަބުން އެ ގޯލު ބަލައެއް ނުގަތެވެ. މެޗުގައި ސެވިއްޔާއިން ލީޑުނެގި ލަނޑު ރަކިޓިޗްގެ އެހީއާއެކު މެޗުގެ 22 ވަނަ މިނެޓުގައި ކާމިިޔާބުކުރީ ފެނާންޑޯ އެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ރެއާލް އެއްވަރުކުރި ލަނޑު 67 މިނެޓުގައި ކާމިިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. އޭނާ މި ލަނޑު ޖެހީ ޓޯނީ ކްރޫސް ދިން ބޯޅައަކުންނެވެ. ސެވިއްޔާ އިން އަނެއްކާވެސް ލީޑުނެގި ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރަކިޓިޗް އެވެ.

ރެއާލުން ނަތީޖާ އެއްވަރުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. ޓޯނީ ކްރޫސް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އެޑެން ހަޒާޑް އެވެ.

ލީގުގެ އެއްވަނައިގައި އެތްލެޓިކޯ މިހާރު އޮތީ 77 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ރެއާލް އަދި ތިންވަނައިގައި ބާސެލޯނާ އޮތީ 75 ޕޮއިންޓާއެކު އެވެ. ރެއާލަށް ކުރި ލިބެނީ ހެޑް ޓު ހެޑް އުސޫލުގެ ދަށުންނެވެ.