ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އޭގެ ދެވަނަ މެޗުގައި މިއަދު ހަވީރު މިސްރާއި އުރުގުއޭ ބައްދަލުކުރާއިރު، ގިނަ ބައެއްގެ ސުވާލަކަށްވެފައި އޮތީ މިސްރުގެ ތަރި މުހައްމަދު ސަލާހް މެޗަށް ފިޓުވުމެވެ. ޗެމްޕިއަންސް ލީގު ފައިނަލްގައި ލިބުނު އަނިޔާއަކާ ގުޅިގެން، ވޯލްޑް ކަޕަށް ސަލާހް ފިޓުނުުވުމުގެ ބިރު އޮތެވެ. އެކަމަކު މުބާރާތުގައި މިސްރު ކުޅޭ ފުރަތަމަ މެޗަށް މިއަދު އެ ޓީމު ނުކުންނައިރު، ސަލާހް "100 ޕަސެންޓް ފިޓް" ކަމަށް އެ ޓީމުން ކޯޗު ހެކްޓާ ކޫޕާ ވަނީ ބުނެފަ އެވެ.

މިއީ 1990 ވަނަ އަހަރުގެ ފަހުން މިސްރު ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަަމަ ފަހަރު ކަމަށްވުމުން، އެ ޤައުުމުގެ ސަޕޯޓަރުން ދަނީ މި މެޗަށް ދިގު އިންތިޒާރެއް ކުރަމުންނެވެ.

އުުރުގުއޭ އަކީ ފާއިތުވި ދެ ވޯލްޑް ކަޕްގައި ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ނެރިފައިވާ ޓީމެކެވެ. ފާއިތުވި ދެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އުރުގުއޭގެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންތަކެއް މިިހާރު ވެސް އެ ޓީމުގެ ސްކޮޑްގައި ހިމެނޭތީ، އެ ޓީމު މި ފަހަރު ވެސް ވަރުގަދަވާނެ ކަމަށް ބެލެެވެ އެވެ.

އުރުގުއޭ މިރޭގެ މެޗަށް ނުކުންނައިރު، އެ ޓީމުގެ މިޑްފީލްޑްގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ރޮޑްރިގޯ ބެންޓަކޫރް ،20، އަދި ނަހިޓާން ނަންޑޭޒް ފުރަތަމަ 11ގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.

ގިނަ ތަޖުރިބާކާރުން ބުރަވަނީ އުރުގުއޭ ކޮޅަށެވެ. މި މެޗަށް ނުކުންނައިރު، އުރުގުއޭ ވަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ. އެކަަމަކު މިސްރު މި މެޗަށް ނުކުންނައިރު، 2018 ވަނަ އަހަރު ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެ އެވެ.

މި ދެ ޓީމު މީގެ ކުރިން ބައްދަލުކުރީ 2006 ވަނަ އަހަރެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އުރުގުއޭ އެވެ. ވޯލްޑް ކަޕްގައި އެފްރިކާ ޤައުމަކާ ދެކޮޅަށް ކުޅުނު މެޗަކުން އުރުގުއޭ އަދި މިހާތަނަށް ބަލިވެފައެއް ނެެތެވެ. މިއީ ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް މިސްރު ކުޅޭ ފުރަތަމަ ފަހަރެވެ.

މިސްރު:

  • ވޯލްޑް ކަޕްގެ މެޗަކުން މިސްރު މިހާތަނަށް މޮޅުވަފައެއް ނުވޭ
  • މިއީ 1990 ވަނަ އަހަރުގެ ފަހުން މިސްރު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރު.
  • މިސްރުގެ ގޯލްކީޕަރު އަދި ކެޕްޓަން އެސާމް އެލް ހަދާރީ މި މެޗުގައި ކުޅެފި ނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅޭ އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާ އަށް. އެސާމްގެ އުރުމަކީ 45 އަހަރު

އުރުގުއޭ:

  • ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އުރުގުއޭ އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުން.
  • އުރުގުއޭ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަ ފަހަރު ވެސް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އުރުގުއޭ މޮޅެއްނުވޭ.
  • މިއީ އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒްގެ ހަތަރު ވަނަ ވޯލްޑް ކަޕް. މި އަހަރުގެ ވޯލްޑް ކަޕްގައި ތިބި ކޯޗުންގެ ތެރެއިން ވޯލްޑް ކަޕްގެ އެންމެ ގިނަ ތަޖުރިބާ ހޯދާފައިވަނީ ޓަބަރޭޒް.

ކިޔުންތެރިންގެ ހިޔާލު