ދަތް އެޅި މައްސަލަ އަށް ފަހު ފުރަތަމަ ވޯލްޑްކަޕު މެޗު ސުއަރޭޒް ކުޅޭ ގޮތަށް ނިންމައިފިއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އުރުގުއޭ އަދި އިޓަލީ ބައްދަލު ކުރި މެޗުގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީގެ ކޮނޑުގައި ދަތް އެޅުމުން ސުއަރޭޒް ވަނީ 4 މަސް ވަންދެން ފުޓުބޯޅަ ކުޅުމުން ސަސްޕެންޑް ކޮށްފައެވެ.

ނަމަވެސް އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނާގޮތުން މިދިޔަ ފަހަރުގެ ވޯލްޑްކަޕުގައި ހިނގައިދިޔަ ހާދިސާ އަށް ފަހު ސުއަރޭޒް ވަނީ ތަސައްރަފް ފުދިފައި ކަމަށެވެ. "ބްރެޒިލްގައި ހިނގި ހާދިސާ އަކީ ހަމަ އަސްލު ހާދިސާއެއް، ހަމައެހެންމެ އެއީ އޭނާ އަށް އެއްޗެއް ވިސްނެން ލިބުނު ފުރުސަތެއް. މިހާރު ސުއަރޭޒް ވަނީ ތަސައްރަފު ފުދިފައި" ޓަބަރޭޒް ބުންޏެވެ.

އެމެޗުގައި ސުއަރޭޒް ދަތް އެޅުމުން ރަތް ކާޑެއް ދައްކާފައި ނުވާނަމަވެސް ދެވަނަ ބުރުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅެ 0-2 ގެ ނަތީޖާ އަކުން ބަލިވި މެޗުގައި ސުއަރޭޒް ކުޅެފައި ނުވެއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކިއެލީނީގެ ކޮނޑުގައި ދަތް އެޅުމުގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސުއަރޭޒް ވަނީ ގާނާ އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ގޯލުގެ މެދުގައި އޮވެ ބޯޅަ އަތުން ޖަހާ ދިފާއު ކޮށްފައެވެ. މީގެ ސަބަބުން ސުއަރޭޒް އަށް ވަނީ ރަތް ކާޑެއް ދެއްކުމަށްފަހު ދަނޑުން ބާލާފައެވެ.

"ސުއަރޭޒް މިފަހަރު އައީ ވަރަށް ތައްޔާރު ވެގެން، ވޯލްޑް ކަޕަށް އޭނާގެ ސިކުނޑި ތައްޔާރު ކޮށްގެން. މިހާތަނަށް އަހަރެން އޭނާއި މެދު ކުރި ހުރިހާ އުއްމީދުތައް އޭނާ އައީ ހަގީގަތަކަށް ހަދަމުން. މީގެ އިތުރުން ސުއަރޭޒް އަކީ މޮޅު ކުޅުންތެރިއެއް. ވޯލްޑް ކަޕަށް އޭނާ އައީ ތަސައްރަފް ފުދިގެން." ަބަރޭޒް ބުންޏެވެ.

އުރުގުއޭ ވޯލްޑް ކަޕުގެ ފުރަަތަމަ މެޗު މިއަދު ކުޅޭއިރު އެޓީމާއި ދެކޮޅަށް ކުޅޭނީ މިސްރުއެވެ.