އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑާއެކު އެ ޓީމުގެ އުރުގުއޭގެ ތަރި އެޑިންސަން ކަވާނީ ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މި ސީޒަނަށްފަހު އޭނާ ދޫކޮށްލަން އުޅޭކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް ޔުނައިޓެޑާއެކު އޭނާ ހަދާފައިވަނީ އިތުރު އެއް އަހަރުދުވަހުގެ އެއްބަސްވުމެކެވެ.

ކަވާނީ ޔުނައިޓެޑާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. އެފަހަރު އޭނާ ޔުނައިޓެޑާއި ގުޅުނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ޔުނައިޓެޑާއެކު މިދިޔަ ދުވަސްތަކުގެ ތެރޭގަ ކުލަބަށް ވަރަށް ބޮޑަށް ލޯބި ޖެހިއްޖެ، އަދި ގަބޫލުކުރެވޭ ކުލަބާއެކު ގާތް ގުޅުމެއް ވާކަން، އަބަދުވެސް ހިތްވަރުދޭ ކުލަބުގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިންވެސް، އެހެންވީމަ ހުރިހާ ގޮތަކުންވެސް މި ކުލަބު އަހަންނަށް ވަރަށް ހާއްސަ" އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކަވާނީ ބުންޏެވެ.

ކަވާނީ ބުނީ އަދި މިހާތަނަށް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗެއް ނުކުޅެވޭތީ އެ ކަންބޮޑުވުން އެބައޮތް ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަކަށް ސަޕޯޓަރުންގެ ހާޒިރުގައި މެޗެއް ކުޅުން ކަމަށެވެ. އަދި އުއްމީދަކީ ޔުނައިޓެޑުގައި މޮޅު ކުޅުމެއް ކުޅެ ކުލަބަށް އިތުރު ކާމިޔާބީތަކެއް ހޯދައިދިނުން ކަމަށްވެސް އޭނާ ބުންޏެވެ.

ކަވާނީ އެއްބަސްވުން އާކުރުމުން އެ ޓީމުގެ ކޯޗު ސޯލްޝެއާ އަށް ލިބުނީ ހާއްސަ އުފަލެކެވެ. ސޯލްޝެއާ ބުނީ ކަވާނީ އަކީ އަބަދުވެސް ދަނޑުމަތީގައި ލީޑަޝިޕް ދައްކާ މޮޅު ކުޅުންތެރިއެއް ކަމަށާއި އުއްމީދުކުރާ ހުރިހާ ކަމެއް ކަވާނީގެ ކިބައިން ފެންނަ ކަމަށެވެ. މިއީ ޔުނައިޓެޑަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމުގައިވެސް ސޯލްޝެއާ ފާހަގަކުރި އެވެ.

މި ސީޒަނުގައި ކަވާނީ ވަނީ މިހާތަނަށް 15 ލަނޑު ޔުނައިޓެޑަށް ޖަހައިދީފައެވެ. މީގެތެރެއިން 9 ލަނޑަކީ ޕްރިމިއަރ ލީގުގައި ފެނިގެންދިޔަ ލަނޑުތަކެކެވެ.