މިމަހުގެ ފަހުކޮޅު ތުރުކީގެ އިސްތަމްބުލްގައި ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލްއަށް ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތުރުކީގައި މެޗު ކުޅުމަށް ދަތިވަނީ އެ ގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ޔޫކޭގެ ޓްރެވަލް ލިސްޓުގައި އެ ގައުމަށް ދަތުރުނުކުރަން އަންގާފައިވުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ޓީމެވެ. މިމަހުގެ 29 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރަނީ ޗެލްސީއާއި މެންޗެސްޓަރ ސިޓީ އެެވެ. އެހެންކަމުން މި މެޗު ބަލަން އިނގިރޭސި ގިނަ ސަޕޯޓަރުން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. މެޗު ޕޯޗުގަލްއަށް ބަދަލުކުރަނީ މި ދަތިތައް ހައްލުުކުރުމަށެވެ.

އެގޮތުން ޕޯޗުގަލްގައި މެޗު ކުޅޭނަމަ ސްޕޮންސަރުންނާއި މެޗު ބްރޯޑްކާސްޓުކުރުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދެއެވެ. އަދި ޕޯޗުގަލްގައި މެޗު ކުޅޭނަމަ ތުރުކީއަށް އިނގިރޭސި ރައްޔިތުން އެތެރެވާން އޮތް ހުރަސްތައްވެސް ދާނެއެވެ. ޕޯޗުގަލް އިންވެސް ވަނީ ފައިނަލް މެޗު ހޯސްޓުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންކަމުން ބެލެވޭގޮތުގައި ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި މި ނިންމުން ޔުއެފާއިން ފައިނަލް ކުރާނެއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ފަށައިގެން މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށްގެން ޕޯޗުގަލުގެ ލިޒްބަންގައެވެ. މިދިޔަ އަހަރުގެވެސް ޗެމްޕިއަންސް ލީގު ފައިނަލް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ ތުރުކީގައެވެ. އެފަހަރު ކުޅޭ ތަން ބަދަލުކުރީ ތުރުކީގައި ކޮވިޑުގެ ހާލަތު ގޯސްވުމުންނެވެ.

މީގެއިތުރުން މި މެޗު ވެމްބްލީ ސްޓޭޑިއަމުގައި ކުޅުމުގެ މަޝްވަރާތަކެއް ވެސް ވަނީ ފަށާފައެވެ. އެއީ ފައިނަލުގައި ބައްދަލުކުރަނީ އިނގިރޭސި ދެ ޓީމުކަމުން ދެ ޓީމުގެވެސް ފަސޭހައަކަށެވެ. މިކަމަށް އިނގިރޭސި ސަރުކާރުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މިފަހަރުގެ ފަައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފައިވަނީ ޕީއެސްޖީ ބަލިކޮށްގެންނެވެ. އަދި ޗެލްސީ ފަައިނަލަށް ދިޔައީ ރެއާލް މެޑްރިޑް ބަލިކޮށްގެންނެވެ.