މިސްރުގެ ތަރި މުހައްމަދު ސަލާހު އަކީ މިހާރު އެތައް ބައެއްގެ ލޯބި ހޯދާފައިވާ ހުނަރުވެރި ފޯވަޑެކެވެ. އޭނާއަށް ހެޔޮ އެދޭ އެތައް ބަޔަކު އުޅޭއިރު މިއަދު އެމީހުން ފާހަގަ ކުރަމުން ދަނީ ސަލާހުގެ 26 ވަނަ އުފަން ދުވަހެެވެ.

މިއަދު ސަލާހުއަށް 26 ފުރިފައިވާއިރު އޭނާގެ އުފަންދުވަސް ފާހަގަ ކުރަނީ ވޯލްޑް ކަޕުގެ ވަރުދަގަދަ އީދާއެކުއެވެ. މިއަދު ސަލާހު މިސްރާއެކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އުރުގުއޭއާއި ދެކޮޅަށް ނުކުންނާނެއެވެ.

އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ގޯލެއް ޖެހުން ވެގެންދާނީ ސަލާހުގެ އުފަންދުވަހަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަކަށެވެ. އޭގެ އިތުރުން އުރުގުއޭއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވެސް އޭނާގެ އުފަންދުވަހަށް ހާއްސަ ފުރިހަމަކަމެއް ލިބިގެންދާނެ ކަމެކެވެ.

ސަލާހުގެ ސަޕޯޓަރުން މިއަދު ބުނަމުން ދަނީ އޭނާ އަނިޔާއިން ރަނގަޅުވެ، މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ. އަދި އޭނާގެ އުފަން ދުވަހަށް ވުމުން މެޗުން މޮޅުވުމަށް އިތުރު ހިތްވަރެއް ކުރާާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ސަލާހުއަށް އަނިޔާވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑް އާއި ލިވަޕޫލް ކުޅުނު މެޗުގައި ރެއަލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ވުރެ ކުރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ. އެދުވަހު އޭނާގެ ކޮނޑަށް ލިބުނު އަނިޔާއިން އޭނާ މިހާރު ސަލާމަތްވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މިސްރާއި އުރުގުއޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގައެވެ.