ޖަޕާނު ލީގުގެ ވިސެލް ކޯބޭގައި ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފިއެވެ.

މި އެއްބަސްވުމުގައި އިނިއެސްޓާ ސޮއިކޮށްފައިވަނީ އޭނާގެ އުމުރުން 37 އަހަރު ފުރުނު ދުވަހުގައެވެ. މިއީ 2018 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޖަޕާނު ލީގަށް ބަދަލުވި އިނިއެސްޓާއަށް ބޮޑު ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.

ކުރިން ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވާނެއެވެ .އަލަށް ސޮއިކުރި އެއްބަސްވުމާއެކު 2023 ގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެ އެވެ. އިނިއެސްޓާ ފާހަގަކުރާ ގޮތުގައި އެއްބަސްވުން އާކުރަން ނިންމީ ކުލަބުން އޭނާއަށް ރަނގަޅަށް ކޮށްދޭ ކަންކަން އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި އެ ޓީމަށް އިތުރު ކާމިޔާބީތަކެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.

ސޮއިކުރުމަށްފަހު ޖަޕާނުގެ މީޑިއާތަކުގައި ވާހަކަދައްކަމުން އިނިއެސްޓާ ބުނީ އެންމެ ފުރަތަމަވެސް ވިސެލް ކޯބޭ އާއި ގުޅުނީ އާ ޗެލެންޖެއްގެ ބޭނުމުގައި ކަމަށާއި އެ ކުލަބުގައި އެންމެ ފުރަތަމަ އުނދަގޫ ދުވަސްތަކެއް ހޭދަކުރި ނަމަވެސް މިހާރު އެ ކުލަބުގައި ހުރީ އުފަލުންކަމަށެވެ. އަދި މި ނިންމުމާއި މެދު އުފާކުރާ ކަމަށްވެސް އިނިއެސްޓާ ބުންޏެވެ.

ވިސެލް ކޯބޭ އާއެކު އިނިއެސްޓާ މިހާތަނަށް ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެތެރޭގައި މިދިޔަ އަހަރުގެ ޖަޕާން ސުޕަ ކަޕާއި 2019 ވަނަ އަހަރު ބޭއްވި ޖަޕާން އެމްޕެރާ ކަޕް ކާމިޔާބުކުރުން ފާހަގަކޮށްލެވެއެވެ.

ވިއްސަކަށް އަހަރު ބާސެލޯނާގައި ކާމިޔާބު އަަހަރުތަކެއް ހޭދަކުރިއިރު އިނިއެސްޓާ ވަނީ އެކުލަބުގައި ބޮޑެތި ކާމިޔާބަކެއް ހޯދާފައެވެ. އަދި ބާސެލޯޯނާގައި އޭނާ ވަނީ ޖުމްލަަ 32 ތަށި އުފުލާލާފައެވެ.