ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ޗައިނާގައި ކުޅެން ނިންމާފައިވުމާއެކު ވީ އެންމެ އަވަހަކަށް ގައުމީ ޓީމު ޗައިނާއަށް ފުރުމުގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރަަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނެނީ ގްރޫޕް ޑީގައެވެ. ރާއްޖެ މިހާރު ނުކުޅެނީ ބާކީ ތިން މެޗެވެ އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

މި ގްރޫޕުގެ މެޗުތައް ޗައިނާގައި ކުުޅުމަށް އޭއެފްސީން ހަމަޖައްސާފައިވާއިރު، މިގޮތަށް އެ ނިންމުން އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ސަބަބުން ވީހާވެސް ދަތުރުފަތުރު މަދުން ކުރުމާއި ސަލާމަތީ ގޮތުން ކަމަށް އެއިދާރާއިން ބުނެއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ގެ ނިޔަލަށެވެ. މި މެޗުތައް ޗައިނާގައި ކުޅޭއިރު މިހާރު އެފްއޭއެމުން މަސައްކަތްކުރަނީ ޓީމު ވީހާވެސް އަވަހަކަށް ޗައިނާއަށް ފުރުވާލާށެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ގައުމީ ޓީމު ޗައިނާއަށް ދިއުމާއި ގުޅޭގޮތުން މާދަމާގެ ވަގުތެއްގައި ނިންމުންތަކެއް ނިންމާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މެޗުތައް ފެށުމުގެ ކުރިން ގައުމީ ޓީމު ޗައިނާއަށް ދަނީ ރަނގަޅު ފެންވަރެއްގެ ތަމްރީނުތަކެއް ހެދުމަށެވެ.އަދި ފުރުސަތު ލިބިއްޖެ ނަަމަ ރާއްޖޭގައި ފަރިތަކުރުންތައް ކުރިޔަށްގެންދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތްކުރީ އޭއެފްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ އީގަލްސް އާއި މާޒިޔާގެ ކުޅުންތެރިން ނުލާ މިމަހުގެ 6 ގައި ފަރިތަކުރުންތައް ފެށުމަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން އެކަން އެގޮތަށް ނުވެއެވެ. ފަހުން އޭއެފްސީ ކަޕް ކެންސަލްކުރުމާއި އެކު އެފްއޭއެމުން ދެން އަވަސްވެގަތީ މާޒިޔާ އާއި އީގަލްސް ކުޅުންތެރިން ހިމެނޭގޮތަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.