ލެސްޓާ ސިޓީ އަތުން ތާވަަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑު ބަލިވުމުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ކަށަވަރުވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލީގު ޗެމްޕިއަންކަން ސިޓީއަށް ލިބުނީ އެ ޓީމަށް ބާކީ ތިން މެޗު އޮއްވައެވެ. މި ތިން މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ސިޓީއާއި އެއްވެސް ޓީމަކަށް އަރާ ހަމައެއް ނުކުރެވޭނެ އެވެ.

މިއީ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އަދި ގާޑިއޯލާގެ މޭސްތިރިކަމުގެ ދަށުން ސިޓީން ތަށި އުފުލާލި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސިޓީ ލީގު ޗެމްޕިއަންކަން ލިބުނީ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެ ޓީމު އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި 36 މެޗުން 66 ޕޮއިންޓާއެކު ލެސްޓާ އޮތްއިރު، ހަތަރުވަނައިގައި ޗެލްސީ އޮތީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. މިއާއެކު ލެސްޓާ ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފައެވެ

މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާ ސިޓީން ލީޑު ނަގާފައިވެއެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ތޯމަސްއެވެ. މި ލަނޑޫ ޖެހިތާ ފަސް މިނެޓު ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗާލާ ސޮޔުންޖޫއެވެ.