ސްޕެނިޝް ލީގުގައި ލެވާންޓޭއާ އެއްވަރުވެ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް ހަނިވެ އެއްވަނައަށް ނޭރުމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ .

ލެވާންޓޭގެ ދަނޑުގައި ކުޅުނު މެޗު ބާސާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކުރީ ލިއޮނަލް މެސީއާއި ޕެޑްރީގެ އިތުރުން އޮސްމަން ޑެމްބެލޭ އެވެ. އަދި ލެވަންޓޭގެ ލަނޑުތައް ޖެހީ ގޮންޒާލޯ މެލެރޯ އާއި ލުއިސް މޮރާލްސްގެ އިތުރުން ސާޖިއޯ ލިއޯން އެވެ. މި މެޗުން ލެވަންޓޭ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ގާތްވެފައި ވަނިކޮށް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން އެއްވަރުވި ނަމަވެސް އަދިވެސް ބާސާއަށް އެއްވަނައަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ފުރުސަތު ވަނީ ކުރިޔަށްވުރެ ހަނިވެފައެވެ. މި ނަތީޖާއާއެކު ބާސެލޯނާ ދެވަނައިގައި އޮތީ ކުޅުނު 36 މެޗުން ލިބުނު 76 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 35 މެޗުން ލިބުނު 77 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ރެއާލް އޮތީ 35 މެޗުން 75 ޕޮއިންޓާއެކު އެވެ.

މެޗަށްފަހު ބާސާގެ ކޯޗު ބުނީ ކޯޗެއްގެ ހައިސިއްޔަތުން މި ނަތީޖާއަށް ޒިންމާވާ ކަމަށާއި މެޗުގެ ހާފް ޓައިމުގައި ކުޅުންތެރިންނަށް ޑިފެންސާއި އެއްވަރެއްގައި ކުޅުން ހިފެހެއްޓުމުގެ ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ދެވަނަ ހާފާއި ކުރިމަތިލިއިރު ދެއްކި އެއްވެސް ވާހަކައެއްގެ ބޭނުން ނުހިފުނު ކަމަށެވެ. އެކަމާއި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންވެސް ތިބީ ބޮޑު ހިތާމައެއްގެ ތެރޭ ކަމަށް ކޯޗު ބުންޏެވެ.

"ބާކީ އަހަރެމެންނަށް ދެން އޮތީ ދެ މެޗު މި ސީޒަނުގަ، އެބަޖެހޭ ހުރިހާ ހިތްވަރެއް ނެރެން، އަންނަ ސީޒަނަށްވެސް ތައްޔާރުވާން ފަށަންވީ މިހާހިސާބުން ފެށިގެން، މި ނަތީޖާ ހަނދާން ނައްތާލައިން ދެން ހުރި މެޗުތަކާ ކުރިމަތިލާންޖެހޭ" ކޯޗު ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު