ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެއްް ޓީމެއްގައި ކުޅުމަކީ ދެކޭ ހުވަފެނެއް ކަމަށް މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ބުނެފިއެވެ.

ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޕައުންޑަށް ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުގައެވެ. އޭގެކުރިން އޭނާ ބާސެލޯނާގައި މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ނަމަވެސް ޕީއެސްޖީއަށް ބަދަލުވިފަހުން އަނިޔާގެ މައްސަލަ ބޮޑު އެންމެ އެކަށީގެންވާ ކުޅުމެއް އޭނާއަށް ނުދެއްކެއެވެ.

މިދިޔަ ދުވަސްތަކުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ޕީއެސްޖީއާއި ގުޅޭނެކަމަށް ވާހަކަތަކެއް ދެކެވުނެވެ. އަދި މިކަމައި ގުޅިގެން ރޮނާލްޑޯއާއި އެތަކެއް ނޫސްވެރިން ސުވާލުވެސް ކުރިމަތިކުރުވި އެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އަދި މިހާތަނަަށް ރޮނާލްޑޯ ވާހަކަދައްކާފައެއް ނުވެއެވެ.

ބާސެލޯނާގައި ނޭމާ ހޭދަކުރި ދުވަސްތަކަކީ އޭނާގެ ރަން ދުވަސްތަކެކެވެ. އެގޮތުން މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ލިއޮނަލް މެެސީ އާއި ލުއިސް ސުއަރޭޒް އާއެކު ނޭމާ ވަނީ އޭނާގެ ކެރިއަރުގައި ފަވާލެވޭ ދުވަސްތަކެއް ހޭދަކޮށްފައެވެ.

ފްރާންސްގެ ނޫހަކާއި ވާހަކަދައްކަމުން ނޭމާ ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ކެރިއަރުގައި މިހާތަނަށްވެސް މޮޅެތި ކުޅުންތެރިންތަކަކާ އެކު ކުޅެފައިވާ ކަމަށެވެ. އަދި މިހާތަނަށް އެއް ޓީމެއްގައި ނުކުޅެ ހުރި ހަމައެކަނި ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށް ނޭމާ ބުންޏެވެ.

"އަހަރެން މިހާތަނަށް މެސީ އާއެކު ކުޅެފިން، އެމްބާޕޭ އާއެކު ކުޅެފިން، އެކަމަކު އަދި މިހާތަނަށް ރޮނާލްޑޯއާއެކު އެއް ޓީމެއްގައި ނުކުޅެން" ނޭމާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން މަސައްކަތްކުރަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ރޮނާލްޑޯއަށް ބިޑުކުރަން ތައްޔާރުވަމުންނެވެ. އަދި މި ސީޒަން ނިމުމުން މެސީއަށްވެސް ބިޑުކުރަން އުޅޭކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ބްރެޒިލްގެ ސަންޓޯސް އިން 2009 ވަނަ އަހަރު ކެރިއަރު ފެށި ނޭމާ ވަނީ މިހާތަނަށް އޭނާ ވަނީ 24 ތައްޓެއް ހޯދާފައެވެ. ނޭމާއަށް މިހާރު 29 އަހަރު ވެފައިވާއިރު އޭނާ ވަނީ ލަލީގާ ދެ ފަހަަރު، ބާސާގައި ޗެމްޕިއަންސް ލީގު އެއް ފަހަރު، އަދި ޕީއެސްޖީއާއެކު އެ ގައުމުގެ ލީގު ތިން ފަހަރެެއްގެ މަތިން ހޯދާފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ވަނީ މިހާތަނަށް 31 ތަށި ހޯދާފައެވެ. އެއީ ތަފާތު ތިން ގައުމެއް އެއްކޮށް ޖުމްލަ 7 ލީގު ތައްޓާއި ފަސް ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގު ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.