އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ހަމަޖެހިލަން ޗެލްސީއަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެނަލް ވަނީ ޔުރޮޕާ ލީގުން ފުރުސަތެއް ހޯދުމާއި ގާތަށް ޖެހިލާފައެވެ.

މި މޮޅާއެކު އާސެނަލް ވަނީ ތާވަލުގެ އަށްވަނަ އަށް ޖެހިލާފައެވެ. އެއީ ކުޅުނު 36 މެޗުން ލިބުނު 55 ޕޮއިންޓާއެކު އެވެ. އާސެނަލާއި އެންމެ ކައިރިން ހަތް ވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު 35 މެޗުން ލިބުނު 56 ޕޮއިންޓާއެކު އެވެ. މި މެޗުން އާސެނަލް މޮޅުވި ނަމަވެސް މިފަހަރުގެ ލީގު ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީން ވަނީ ހޯދާފައެވެ.

އަނެއްކޮޅުން ޗެލްސީއަށް ގަދަ ހަތަރެއްގައި ހަމަޖެހިލުމަށް ލިބުނު ފުރުސަތު އާސެނަލުން ވަނީ ނަގާލާފައެވެ. ޗެލްސީއާއި ވިއްދާފައި ތާވަލުގެ ފަސްވަނައިގައި އޮތީ ވެސްޓް ހޭމް ޔުނައިޓެޑެވެ. އެ ޓީމު އޮތީ 35 މެޗުން 58 ޕޮއިންޓާއެކު އެވެ. ޗެލްސީ އޮތީ 36 މެޗުން ލިބުނު 64 ޕޮއިންޓާއެކު އެވެ.

މި މެޗުގައި ޗެލްސީ ކޮޅަށް އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ އާސެނަލްގެ އެމިލް ސްމިތް ރޯވް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ފަހަތުން ޖޯޖީނިއޯ ހެދި ގޯހެއްގެ ފައިދާ ނަގައިންނެވެ.

ޗެލްސީއަށް މި މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ޗެލްސީގެ ދަނޑުގައި އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. އާސެނަލްގެ ކޯޗު އާޓެޓާ ބުނާގޮތުން މިއީ އެ ޓީމަށް ބޮޑު ކާމިޔާބީއެކެވެ.