ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ބައްދަލުކުރާ އިނގިރޭސި ދެ ޓީމު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުގެ ރެފްރީއަކަށް ސްޕެއިންގެ ތަޖުރިބާކާރު ރެފްރީ މިގުއެލް މަޓެއޯ ލަހޯޒް ހަމަޖައްސައިފި އެވެ.

އުުމުރުން 44 އަހަރުގެ މި ރެފްރީއަކީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑީއޯލާ އާއި އެތަކެއް ފަހަރުމަތިން ބައްދަލުވެފައިވާ ރެފްރީއެކެވެ. މީގެން ގިނަ ފަހަރުތަކުގައި ގާޑިއޯލާ އާއި މި ރެފްރީއާއި ދެމެދު ކޮންމެވެސް ކަންތައްތަކެއް ހިނގައެވެ. މީގެސަބަބުން ގާޑިއޯލާ އަށް އެތައް ފަހަރަކު އަދަބުވެސް ލިބިފަ އެބަހުއްޓެވެ.

ލަހޯޒް ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ހަ މެޗެއްގެ ރެފްރީކަން ކޮށްފައެވެ. އޭނާ ފައިނަލު މެޗުގެ ރެފްރީކަމަށް ހޮވުނީ ރެފްރީންގެ މެދުގައި ބެލި ބެލުންތަކުން އެންމެ ރަނގަޅަށް މާކްސް ހޯދާފައިވުމާއި ގުޅިގެންނެވެ. މިއީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި އޭނާ ރެފްރީކަން ކުރާ ފުރަތަމަ ފަހަރެވެ.

ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ކުޅުނު މެޗުތަކުގެ ތެރެއިން ލަހޯޒް އާއި ދިމާވި ފަހަރުތަކުގެ ތެރެއިން 2017 ވަނަ އަހަރު ފާހަގަކޮށްލެވެއެވެ. އެފަހަރު މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ސާޖިއޯ އަގުއެރޯ ޑައިވްކުރި ކަމަށް ނިންމާ އޭނާއަށް ރީނދޫ ކާޑެއް ދެއްކިއެވެ. ނަމަވެސް ރިޕްލޭ ބެލިއިރު އެއީ ޕެނަލްޓީއެއް ކަމަށް ގިނަބަޔަކު ބުންޏެވެ. އެކަމާއި ގުޅިގެން ގާޑިއޯލާ ވަނީ މެޗަށްފަހު ނުސީދާ ގޮތެއްގައި ލަހޯޒް އަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ.

"އޭނަ އަބަދުވެސް ހާއްސަވާނެ، އެންމެންނަށް އެއް ގޮތަކަށް ފެންނަ ކަންކަން ވެސް އޭނަ ނިންމާނީ ދިމާ އިދިކޮޅަށް، އެއްވެސް ގޯސް އެއްޗެއް އަހަރެން ނުބުނަން" މި މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.

މީގެއިތުރުން އޭގެ ޖެހިގެން އައި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ލެރޯއި ސާނޭ ޖެހި ލަނޑެއް ރެފްރީ ގަބޫލުނުކުރުމާއި އެކު އަޑުގަދަކުރުމުން ގާޑިއޯލާ ވަނީ ބެންޗުން ފޮނުވާލާފައެވެ.

"އަހަރެން ބުނިހާވެސް އެއްޗަކީ އެއީ ގޯލެކޭ، އެއްވެސް ހާލެއްގަ އޭނާއާ ދިމާ ނުކުރަން، ވަރަށް ރީއްޗަށް އެހެން ބުނީ، އެކަމަކު ރެފްރީ ލަހޯޒް އަކީ ހާއްސަ މީހެއް، އޭނަ އަބަދުވެސް ބޭނުންވާނެ ތަފާތު ދައްކަން، އަބަދުވެސް ހާއްސަ ވާން އޭނާ ބޭނުންވާނެ" އެެ މެޗަށްފަހު ރެފްރީއަށް ބަހުގެ ހަމަލާ އަމާޒުކުރަމުން ގާޑިއޯލާ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗު ކުޅޭނީ މެއި 30 ވަނަ ދުވަހުއެވެ. މި މެޗު ކުޅޭނެ ދަނޑެއް އަދި ފައިނަލް ނުވި ނަމަވެސް މެޗު ކުޅުން ގާތީ ވެމްބްލީ ސްޓޭޑިއަމްގައެވެ.