ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފަފިކޭޝަންގެ ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތަކަށް މިމަހުގެ 19 ގައި ޗައިނާއަށްް ފުރުމުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމު ހޮޓެލް ޖެންގައި މިއަދު ކޭމްޕުކޮށްފިއެވެ.

ކޮލިފިކޭޝަންގެ މެޗުތައް ސެންޓްރަލައިޒް ކޮށް ކުޅެން ނިންމާފައިވަނީ އޭއެފްސީންނެވެ. ޗައިނާގައި ބާއްވާ މި ގްރޫޕުގެ ކޮލިފައިން މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މިމަހު 30 އިން އަންނަ މަހުގެ 15 ގެ ނިޔަލަށެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ފުރުމުގެ ކުރިން ކޭމްޕުކުރަން ނިންމީ ކޮވިޑުގެ ހާލަތު މިހާރު މާލޭގައި ގޯސްވެފައިވުމާއި އެކު ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތަށް ވިސްނުމަަށްފަހު އެވެ. އަދި ހޮޓެލް ޖެންގައި ކޭމްޕުކުރީ 25 ކުޅުންތެރިންނާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ މާލޭގައި ފަރިތަކުރުމުގެ ހުއްދަ ލިބިއްޖެ ނަމަ ފަރިތަކުރާނެ ކަމަށެވެ. އަދި މިހާތަނަށް ގައުމީ ޓީމަށް މާލޭގައި ފަރިތަކުރުމުގެ ހުއްދައެއް ނުލިބެއެވެ. ފަރިތަކުރުމުގެ ހުއްދަ ނުލިބިއްޖެ ނަމަ މި މަހުގެ 19 ގައި ޗައިނާއަށް ގޮސް އެ ގައުމުގައި ކުޅޭ މެޗުތަކުގެ ކުރިން ފަރިތަކުރުންތައް ބާއްވާނެއެވެ.

ޖަވާ ވިދާޅުވީ ގައުމީ ޓީމުގެ 25 ކުޅުންތެރިން ކޭމްޕުކުރީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު ކަމަށެވެ. މި ކުޅުންތެރިންގެ އިތުރުން ޓީމުގެ 8 އޮފިޝަލުންވެސް ވަނީ ހޮޓެލް ޖެންގައި ކޭމްޕުކޮށްފައެވެ.

ގައުމީ ޓީމު އެންމެ ފުރަތަމަ ޗައިނާއަށް ފުރުވަން މަސައްކަތްކުރީ މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ މެޗުތައް ނިމުމުން އެ ޓީމުތަކުގެ ކުޅުންތެރިންނާއެކު މިމަހުގެ 25 ހިސާބުގައެވެ. ނަމަވެސް މުބާރާތް މުއްދަތެއް ނެތްގޮތަށް ފަސްކުރުމާއި ގުޅިގެން އެފްއޭއެމުން ދެން މަސައްކަތް ފެށީ ވީހާވެސް އަވަހަށް ޓީމު ޗައިނާއަށް ފުރުވާށެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.