ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭޭނީ ޕޯޗުގަލްގައި

މިމަހުގެ ފަހުކޮޅު ތުރުކީގެ އިސްތަމްބުލްގައި ކުޅުމަށް ހަމަޖެއްސި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލްގެ ޕޯޓޯއަށް ބަދަލުކޮށްފިއެވެ.

ތުރުކީގައި މެޗު ކުޅުމަށް ދަތިވަނީ އެ ގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ޔޫކޭގެ ޓްރެވަލް ލިސްޓުގައި އެ ގައުމަށް ދަތުރުނުކުރަން އަންގާފައިވުމުންނެވެ. ނަމަވެސް ޕޯޗުގަލްގައި މެޗު ކުޅެން ފަސޭހަވެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ޓީމެވެ. މިމަހުގެ 29 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރަނީ ޗެލްސީއާއި މެންޗެސްޓަރ ސިޓީ އެެވެ. އެހެންކަމުން މި މެޗު ބަލަން އިނގިރޭސި ގިނަ ސަޕޯޓަރުން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. މެޗު ޕޯޗުގަލްއަށް ބަދަލުކުރަނީ މި ދަތިތައް ހައްލުުކުރުމަށެވެ. މިވަގުތަށް ޕޯޗުގަލް އަކީ އިނގިރޭސިވިލާތުން ފެހި ނިޝާން ދީފައިވާ ގައުމެކެވެ.

މެޗު ކުޅުމަށް މިހާރު ހަމަޖައްސާފައިވަނީ ޕޯޓޯގެ އެސްޓާޑިއޯ ޑޯ ޑްރާގޯ ސްޓޭޑިއަމުގައެވެ. މިއީ 50،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. ޔުއެފާއިން މަސައްކަތްކުރަނީ މި މެޗު ބެލުމަށް 20،000 ސަޕޯޓަރުންނަށް ފުރުސަތު ދިނުމަށެވެ.

ޕޯޗުގަލްގައި މެޗު ކުޅޭނަމަ ސްޕޮންސަރުންނާއި މެޗު ބްރޯޑްކާސްޓުކުރުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދެއެވެ. އަދި ޕޯޗުގަލްގައި މެޗު ކުޅޭނަމަ ތުރުކީއަށް އިނގިރޭސި ރައްޔިތުން އެތެރެވާން އޮތް ހުރަސްތައްވެސް ދާނެއެވެ. ޕޯޗުގަލް އިންވެސް ވަނީ ފައިނަލް މެޗު ހޯސްޓުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ފަށައިގެން މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށްގެން ޕޯޗުގަލުގެ ލިޒްބަންގައެވެ. މިދިޔަ އަހަރުގެވެސް ޗެމްޕިއަންސް ލީގު ފައިނަލް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ ތުރުކީގައެވެ. އެފަހަރު ކުޅޭ ތަން ޕޯޗުގަލްއަށް ބަދަލުކުރީ ތުރުކީގައި ކޮވިޑުގެ ހާލަތު ގޯސްވުމުންނެވެ.

މި މެޗު ވެމްބްލީ ސްޓޭޑިއަމުގައި ކުޅުމުގެ މަޝްވަރާތަކެއް ކޮށްފައިވެއެވެ. ނަމަވެސް ބައެއް އޮފިޝަލުންނަށް އެ ގައުމަށް އެތެރެވާން އުނދަގޫތަކެއް ހުރުމުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

މިފަހަރުގެ ފަައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފައިވަނީ ޕީއެސްޖީ ބަލިކޮށްގެންނެވެ. އަދި ޗެލްސީ ފަައިނަލަށް ދިޔައީ ރެއާލް މެޑްރިޑް ބަލިކޮށްގެންނެވެ.