އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން ޔުނައިޓެޑު ބަލިވި މެޗާއި ދިމާކޮށް ޔުނައިޓެޑުގެ ސަޕޯޓަރުން ހަޅުތާލުކުރުމުން އޭގެ އަސަރު މުޅި މެޗަށް ކުރިކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވެ ގަަދަ ހަތަރަކާއި ގާތަށް ޖެހިލީ 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ލިވަޕޫލްގެ ތާރީހުގައި ވެސް އެ ކުލަބަށް މުހިއްމު މޮޅެކެވެ. މިއީ 2014 ގެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި ލިވަޕޫލަށް ލިބުނު ފުރަތަމަ މޮޅެވެ.

ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލަށް ލަނޑުތައް ޖަހައިދިނީ ޑިއޮގޯ ޖޯޓާ އާއި ރޮބާޓޯ ފިރްމީނޯ އެވެ. ފިރްމީނޯ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހް އެވެ. ޔުނައިޓެޑުގެ ލަނޑުތައް ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އާއި މާކަސް ރަޝްފޯޑް އެވެ.

މި މެޗު އެންމެ ފުރަތަމަ ކުޅެން އޮތް ތާރީހުވެސް ބަދަލުކުރީ ޔުނައިޓެޑުގެ ސަޕޯޓަރުން އެ ކުލަބުގެ ސްޓޭޑިއަމަށް ގެއްލުންތަކެއް ދީ، ހަޅުތާލުކުރުމުންނެވެ. މިފަހަރުވެސް ފެނިގެންދިޔައީ މެޗު ފެށުމުގެ ޔުނައިޓެޑުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރި ތަނެވެ.

"މެޗު ކުޅެން ބަހުގައި އައި އިރު ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެ މަންޒަރު ފެންނާނެ، އަހަރެެން ގަބޫލުކުރާ ގޮތުގަ ކުޅުންތެރިން ވަރަށް ރަނގަޅަށް އެކަން ހިފެހެއްޓި، އެއްވެސް ކުޅުންތެރިއަކު ޝަކުވާއެއް ނުކުރޭ، މެޗަށް އައި އިރުވެސް އިނގޭ މިފަދަ ހާލަތެއް އޮންނާނެ ކަން، ކޮންމެވެސް ވަރަކަށް ކުޅުންތެރިން ތިބީ މާޔޫސްކަންމަތީގައި މެޗަށް އައި އިރު" ސޯލްޝެއާ ބުންޏެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ކުޅުނު 35 މެޗުން 60 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއަށް 36 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލެސްޓާއަށް 36 މެޗުން ވަނީ 66 ޕޮއިންޓް ލިބިފައެވެ.

މެޗުން ބަލިވި ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައި 36 މެޗުން 70 ޕޮއިންޓާއެކު އެވެ.