މި ފަހަރުގެ ވޯލްޑް ކަޕްގެ އެއް ފޭވަރިޓް ކަމަށްވާ ފްރާންސް ގުރޫޕް ސީގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނަނީ އޮސްޓްރޭލިއާ ދެކޮޅަށެވެ.

މި މެޗަށް ނުކުންނައިރު، ފްރާންސްގެ އެޓޭކްގައި އެންޓުއާން ގްރީޒްމަންއާއެކު ކިލިއަން އެމްބަޕޭ އާއި އުސްމާނޭ ޑެމްބޭލޭ ފެންނާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޑިފެންޑަރު ޖިބްރީލް ސިޑީބޭ ވެސް ވަނީ މެޗަށް ފިޓުވެފަ އެވެ.

އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވެފައިވާ ފްރާންސް މި މުބާރާތާށް ކުރިމަތިލަނީ ފޭވަރިޓެއްގެ ގޮތުގަ އެވެ. އަދި ހުނަރުން ފުރިފައިވާ، ޒުވާން ސްކޮޑްގައި ތިބި ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފުމުގެ ގޮތުން، އާ ފޯމޭޝަނެއް މި މުބާރާތުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބޭނުންކުރާނެ ކަމަށް ލަފާކުރެވެ އެވެ.

އޮސްޓްރޭލިއާ އަށް ބަލާއިރު، އެ ޓީމުގެ ކޯޗު ބާޓް ވެން މާވިކް އަށް މުބާރާތުގެ ކުރިން ލިބުނީ ހަތަރު ފްރެންޑްލީ އެެެވެ. ވެން މާވިކްގެ އިރުޝާދުގެ ދަށުން އެ މެޗުތަކުގައި އޮސްޓްރޭލިއާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އޮސްޓެރޭލިއާ ހަވާލުވި ވެން މާވިކް، މިއަދު މެޗުގައި ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ.

މި ދެ ޤައުމު އެންމެ ފަހުން ބައްދަލުކުރީ 2013 ވަނަ އަހަރެެވެ. އެ މެޗުގައި 6-0 އިން ކާމިޔާބުކުރީ ފްރާންސް އެވެ. ވާދަވެރި މެޗެއްގައި މި ދެ ޓީމު ބައްދަލުކުރީ 2001 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގަ އެެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އޮސްޓްރޭލިއާ އެވެ.

ފްރާންސް:

ފްރާްންސް އެންމެ ފަހުން ނުވަ ވޯލްޑް ކަޕްގައި، ގުރޫޕްގެ އެއްވަނަ ހޯދާފައިވަނީ އެންމެ ދެ ފަހަރު.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކުރި ފަހުން، ފްރާންސް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މޮޅުވެފައިވަނީ ޓޯގޯ، ހޮންޑިއުރަސް އަދި ސްވިޓްޒަލޭންޑް އަތުން.

1998ގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު 12 މެޗުގެ ތެރެއިން، މޮޅުވީ ތިން މެޗުން. ފަސް މެޗު އެއްވަރުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ.

އޮސްޓްރޭލިއާ

މިއީ ޖެހިޖެހިގެން އޮސްޓްރޭލިއާ ވާދަކުރާ ހަތަރު ވަނަ ވޯލްޑް ކަޕް

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން، އޮސްޓްރޭލިއާ މޮޅުވީ އެންމެ ދެ މެޗުން

ވޯލްޑް ކަޕްގައި ކޮޅަށް ލަނޑެއްނުވަދެ އޮސްޓްރޭލިއާ އެންމެ ފަހުން މެޗެއް ނިންމާލީ 1974 ވަނަ އަހަރު.

އެނގޭތަ ؟

އޮސްޓްރޭލިއާގެ ކޯޗު ބާޓް ވެން މާވިކް އަކީ އެ ޓީމަށް އިރުޝާދުދޭ ނެދަލޭންޑްސްގެ ތިން ވަނަ ކޯޗެވެ. މީގެ ކުރިން ނެދަލޭންޑްސްގެ ދެ ކޯޗުން ކަމަށްވާ ގުސް ހިޑިންކާއި ޕިމް ވަރްބީކް ވަނީ އޮސްޓްރޭލިއާ އަށް ކޯޗުކޮށްދީފަ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮލިހިލާ

    މަމެންނަށް ރަނގަޅީ އޮސްޓްރޭލިޔާ ބަލިވެއްޖެނަމައޭ ސަބަބަކީ އެއާލާތް ގަނޑޭ މަމެންގެ ދާޚިލީ ކަންކަމާއި ބެހެނީ އަދި މަމެންގެ ގައުމުގެ ރިސޯޓްސް ތަކުގެ ޖީއެމްގެ މަގާމް ގައި ތިބެގެން ދިވެހިންނަށް ކަނޑައެޅިގެން ވަޒީފާ ނުދޭން ބުނެ ލަންކާ އަދި އިންޑިއާ އާލާތުންނަށް ވަޒީފާ ދޭތީއޭ. އޮސޭ މެން ދެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ.