ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ޕޯޗުގަލް އިން ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ވޯލްޑް ކަޕްގައި މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ގްރޫޕް ބީ ގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި ފޯރިގަދަ މި މެޗުގެ ކުރީކޮޅު ޕޯޗުގަލް އިން ވަނީ ލީޑު ނަގާފައެވެ. ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު މެޗުގެ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ޕެނަލްޓީ ޕޯޗުގަލް އަށް ލިބުނީ ސްޕެއިންގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ނާޗޯ ރޮނާލްޑޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް ކައުން އެޓޭކުގައި ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ޕޯޗުގަލް އަށް ލިބި ބޭކާރުވެފައިވެއެވެ.

މިރޭގެ މެޗުގައި ސްޕެއިން އަށް ދެ ގޯލު ކާމިޔާބުކޮށްދިން ޑިއޭގޯ ކޮސްޓާ - ފޮޓޯ: އޭއެފްޕީ

އެ ދެ ފުރުސަތުގެ ބޭނުން ޕޯޗުގަލް އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 24 ވަނަ މިނެޓްގައި ޑިއޭގޯ ކޮސްޓާ ސްޕެއިން އަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ. މި ގޯލު ކޮސްޓާ ކާމިޔާބުކުރީ ޕޯޗުގަލްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހުއެވެ.

ކޮސްޓާ މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ސްޕެއިންގެ އިސްކޯ ފޮނުވާލި ބާރު ހަމަލާއެއް ޕޯޗުގަލްގެ ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފައެވެ.

ނަތީޖާ އެއްވަރުކުރުމަށްފަހު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިން އިން ކުޅެމުން ދަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ޕޯޗުގަލް އަށް ނަގާދީފައެވެ. ސްޕެއިންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެޔާ އަށް ހެދުނު ގޯހަކުންކަން ފާހަގަކޮށްލެވެއެވެ.

ގޯލަކަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ޕޯޗުގަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 55 ވަނަ މިނެޓްގައި ކޮސްޓާ ވަނީ ސްޕެއިން އަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ނާޗޯ ވަނީ ސްޕެއިން އަށް ލީޑު ނަގާދީފައެވެ. ނާޗޯ މި ގޯލު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ލީޑު ނެގުމަށްފަހު ސްޕެއިން އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ނަމަވެސް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި މެޗުގައި ޕޯޗުގަލް އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދީ ރޮނާލްޑޯ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. މިއީ ރޮނާލްޑާ އޭނާގެ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ.

ރޮނާލްޑޯ މިރޭ ހެދި ހެޓްރިކާއެކު ވޯލްޑް ކަޕްގައި ހެދި ހެޓްރިކުގެ އަދަދު ވެސް މިހާރު ވަނީ 51 އަށް އަރާފައެވެ.

މިރޭގެ މެޗާއެކު ގްރޫޕް ބީގެ ފުރަތަމަ މެޗުތައް މިހާރު ވަނީ ކުޅެ ނިމިފައެވެ. އެގޮތުން މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އީރާންއެވެ. ޕޯޗުގަލް އާއި ސްޕެއިން އަށް އެއް ޕޮއިންޓު ލިބިފައިވާއިރު ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މޮރޮކޯއެވެ.

މި ގްރޫޕްގައި ސްޕެއިން ދެން ނިކުންނާނީ އީރާންއާ ދެކޮޅަށެވެ. ޕޯޗުގަލް ބައްދަލުކުރާނީ މޮރޮކޯއާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. 3ނިރު

  ރޮނާޑޯއަކީ މޮޅުމީހެއް ސްޕެއިން ކޮޅަށް ހެޓްރިކެއްހެދުމަކީ އާދައިގެ ކަމެއްނޫން އަދި ސަމާސަޔަކަށް ދައްކާކަހަލަ ވާހަކައެއްވެސްނޫން ދެން މެސީގެ ސަޕޯޓަރުން ބަލާތި ސްޕެއިންކޮޅަށް ހެޓްރިކެއް މިފަހަރު ވޯލްޑްކަޕުގަ މީހަކަށް ހެދޭތޮ ރޮނާޑޯގެ ފަރާތުން ފުޓްބޯޅަ މެޗެއްގަ ފެންނަންޖެހޭ ހުރިހާކަމެއް ފެނިއްޖެ ޕެނަލްޓީއަކުން ގޯލެއްޖަހައިފި ކުޅުމުގެތެރެއިން ގޯލެއް ޖަހައިފި ފުރީ ކިކަކުން ގޯލެއް ޖަހައިފި މޮޅުކުޅުމެއް ދަށްކައިފި ޒިންމާދާރު ކެޕްޓަނެއް ފެންވަރު ދައްކައިފި ހަމަޔަގީނުންވެސް މެސީޔަށް މިކަން ޕުރެސަރަކަށް ވެގެންދާނެކަން ޔަގީން

 2. މެސީ

  އައި ޑޯންޓް ކެއަރ

 3. ޙަބޭސް

  ރޮނާޑޯއަކީ މިފަހަރުގެވެސް މޮޅު ކުޅުންތެރިޔާ އިންޝާﷲ

 4. މަހަށްދޭބަލަ

  ކޮބާ ސްޕެއިން އާލާތް ގަނޑަށް ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ތަމެން ތިބެ ބަލަ ރޮނާލްޑޯ ޖަލަށް ލާން 2 އަހަރަށް ހުކުމް ކޮށްގެން ދަ ގަމާރު ދަ ބީތާ ދަ ޖެލަސް އެއްޗެހި ތަކާ. ނުވާނެ ތިޔާ ކަމެއް ނިއުކް ބޮލަށް އަޅާލާނީ ރޮނާލްޑޯ ޖަލަށް ގަޅާލައިފިނަމަ އިނގޭތޭ. ސްޕެއިން އާލާތް ގަނޑު ދެން މަަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

 5. ނަންްްް

  އަހަރެމެންގެ ކާބަފައިންގެ ދަރިއެއް ރޮނާލްޑޯއަކީ. ކާބަފައިން ފައްސާލައި ރާއްޖޭން ބޭރުކޮށްލީ އައިސިސް ބަޔަކު. ފުޓްބޯޅައަކުން ރާއްޖެއަށް ދުވަހަކުވެސް ކުރިއެރުމެއްނެތް