ވޯލްޑް ކަޕްގައި ރޭ ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ގޯލަކާއެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އިތުރު ރެކޯޑެއް ގާއިމުކޮށްފިއެވެ.

ރޭގެ މެޗު 3-3 އިން އެއްވަރުވެގެން ނިމުނުއިރު އެ މެޗުގައި ޕޯޗުގަލް އަށް ތިން ގޯލު ކާމިޔާބުކޮށްދީ ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑުނެގީ ޕޯޗުގަލް އިންނެވެ. މި ގޯލު ރޮނާލްޑޯ ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މި ގޯލާއެކު ރޮނާލްޑޯ ރޭ ވަނީ މުޅިން އާ ރެކޯޑެއް ވެސް ގާއިމުކޮށްފައެވެ. އެއީ ޖެހިޖެހިގެން އިންޓަނޭޝަނަލް ބޮޑު އަށް މުބާރާތުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑެވެ.

މީގެއިތުރުން ރޮނާލްޑޯ ރޭ ކާމިޔާބުކުރި ފުރަތަމަ ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގެ ތެރެއަށް ވެސް ވަދެގެން ގޮސްފައެވެ. އެގޮތުން މި ގޯލަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ކުޅުންތެރިއަކަށް އެންމެ އަވަހަށް ކާމިޔާބުކުރި ގޯލެވެ.

އަދި ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލުތަކާއެކު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަތަރު ވަނަ ކުޅުންތެރިޔާއަށް ރޮނާލްޑޯ ވަނީ ވެގެން ގޮސްފައެވެ.

ރޭގެ މެޗުގައި ހެދި ހެޓްރިކަކީ ރޮނާލްޑާ އޭނާގެ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ. މިއީ ވޯލްޑް ކަޕެއްގައި ޕޯޗުގަލްގެ ކުޅުންތެރިއަކު ސްޕެއިން ކޮޅަށް ހެދި ފުރަތަމަ ހެޓްރިކު ވެސް މެއެވެ.