ވޯލްޑް ކަޕްގެ ތަޖުރިބާ މަދު ކުޅުންތެރިން ފްރާންސްގެ ޓީމުގައި ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހިމެނޭ ފްރާންސް އިން މިއަދު އޮސްޓްރޭލިޔާއާ ދެކޮޅަށް ނިކުންނައިރު، މި މުބާރާތުގައި މިފަހަރު ވާދަކުރާ ފްރާންސްގެ ޓީމަކީ ވަރަށް ޒުވާން ޓީމެކެވެ. އެގޮތުން ފްރާންސްގެ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަކީ މީގެކުރިން ގައުމީ ޓީމާއެކު ބޮޑު މުބާރާތެއްގައި މީގެކުރިން ދުވަހަކުވެސް ކުޅެފައިނުވާ ކުޅުންތެރިންނެވެ.

މިިއަދުގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޑިޝޯމްޕް ބުނީ ވޯލްޑް ކަޕެއްގައި ޒުވާން ކުޅުންތެރިން މެޗަކަށް އެރުވުމަކީ އެއްވެސް ވަރެއްގެ "ރިސްކެއް" އޮތް ކަމެއް ނޫން ކަމަށާއި ވޯލްޑް ކަޕަށް އެ ކުޅުންތެރިން އައިސްފައި ތިބީ މުބާރާތުގައި ކުޅުމުގެ ގާބިލުކަން ކުޅުންތެރިންގެ ކިބައިގައި ހުރުމުން ކަމަށެވެ.

"ޓީމުގައި ތިބި ކުޅުންތެރިންނަކީ ވޯލްޑް ކަޕެއް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ވެސް މީގެކުރިން ކުޅެފައިވާ ކުޅުންތެރިންނެއް ނޫން. އެކަމަކު އަހަރެން ކުޅުންތެރިއަކު ޓީމަށް ނަގާފައިވާނަމަ އެކަން ކޮށްފައިވާނީ އެ ކުޅުންތެރިއެއްގެ ފަރާތުން ޓީމަށް ފައިދާތަކެއް ކުރާނެތީ. މިއީ އެއްވެސް ހާލަތެއްގައި އަހަރެން ނަގާ ރިސްކެއް ނޫން. އެ ކުޅުންތެރިން މި މުބާރާތަށް އައިސްފައި އެތިބީ އެ ފެންވަރު އެމީހުންގެ ގައިގައި ހުރީމަ" ފްރާންސް އާއެކު މީގެކުރިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޑިޝޯމްޕް ބުންޏެވެ.

މިއަދުގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ޑިޝޯމްޕް ބުނީ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އާ ކޯޗަކާއެކު އޮސްޓްރޭލިއާގެ ކުޅުމުގެ ސްޓައިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އޮސްޓްރޭލިއާގެ މިހާރުގެ ކޯޗަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފައިނަލަށް ނެދަލޭންޑްސް ގެންގޮސްދިން ވެން މާވިކްއެވެ.

"އޮސްޓްރޭލިއާގެ ވަރަށް ގިނަ ކަންކަމަކަށް އޭނާ ވަނީ ބަދަލުތަކެއް ގެނެސްފައި. އެގޮތުން ކުރިން އޮސްޓްރޭލިޔާ އިން ކުރިއަށް ފޮނުވާލާ ދިގު ބޯޅަތަކެއް މިހާރު ނުފެންނާނެ. އޭގެ ބަދަލުގައި އެޓީމަކީ މިހާރު ތިރިން ކުޅެން މަސައްކަތްކުރާ ޓީމެއް. އޮސްޓްރޭލިއާގެ ޓީމަކީ މިހާރު ވަރަށް ރޭވުންތެރި އަދި ވަރަށް ޑިސިޕްލިން ފުޓްބޯޅަ އެއް ކުޅެން މަސައްކަތްކުރާ ޓީމެއް" އޮސްޓްރޭލިއާގެ ޓީމާއި ގުޅޭގޮތުން ޑިޝޯމްޕް ބުންޏެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން މި މެޗުގައި ފްރާންސްގެ ޑިފެންޑަރު ސިޑީބޭ އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އޭނާގެ ބަދަލުގައި މި މެޗުގައި ކުޅޭނެ ކަމަށް ބޮޑަށް ބެލެވެނީ ޕަވާޑްއެވެ.

އޮސްޓްރޭލިއާ އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިއަދު މެންދުރު ރާއްޖެގަޑިން 15:00 ގައެވެ.