މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ ތައްޔާރަށް ކަމަށް އާޖެންޓީނާ އަށް ކުރިން ކުޅުނު ފޯވާޑް ކާލޯސް ޓެވޭޒް ބުނެފިއެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ވާދަކޮށްފައިވާއިރު އެފަހަރު ފައިނަލްގައި އެޓީމު ވަނީ ޖަރުމަނާއި ބައްދަލުކޮށް 0-1 އިން ބަލިވެފައެވެ. ބާސެލޯނާ އާއެކު ގިނަ ކާމިޔާބީތަކެއް ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ހޯދާފައިވީ ނަމަވެސް ގައުމީ ޓީމާއެކު އޭނާ އަށް މިހާތަނަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިއަދު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ އިން ނިކުންނައިރު ޓެވޭޒް ބުނީ މިއީ މެސީގެ ވޯލްޑް ކަޕެއް ކަމަށާއި މި މުބާރާތް ކާމިޔާބުކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި މިއީ މެސީ ކުޅޭ ފަހު ވޯލްޑް ކަޕް ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ޓެވޭޒް ބުންޏެވެ.

"އަހަންނަށް ޔަގީން މިއީ މެސީގެ ވޯލްޑް ކަޕެއް. މި މުބާރާތަކީ މެސީ އަށް ވަރަށް ރަނގަޅު މުބާރާތަކަށް ވާނެ ކަމަށް އަހަރެން އުއްމީދުކުރަން" ޓެވޭޒް ބުންޏެވެ.

އާޖެންޓީނާ އަކީ މި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި އެ ޓީމާއި އެއް ފެންވަރެއްގައި އޮތީ ބްރެޒިލް އާއި ޖަރުމަނު އެކަނި ކަމަށްވެސް ޓެވޭޒް ބުންޏެވެ.

ގިނަ އަހަރުތަކަކަށްފަހު ވޯލްޑް ކަޕް ކާމިޔާބުކުރަން އާޖެންޓީނާ އިން މިފަހަރު ނިކުންނައިރު މެސީއާއެކު އެޓީމުގެ ކުރި އޮތީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެޓީމުގެ ކުރީގައި މިފަހަރު ހަރަކާތްތެރިވާނީ މެސީގެ އިތުރުން މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ގޮންޒާލޯ ހިގުއައިން އާއި ސާޖިއޯ އަގުއެރޯ އަދި ޕައުލޯ ޑިބާލާ މެންފަދަ ކުޅުންތެރިންނެވެ.

އާޖެންޓީނާގެ އެޓޭކަށް ބަލާއިރު މި މުބާރާތުގައި ގިނަ ގޯލުތަކެއް އެޓީމުގެ ފަރާތުން ފެންނާނެ ކަމަށް ގިނަބަޔަކު އުއްމީދު ކުރެއެވެ.