ދުނިޔޭގައި މިވަގުތު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ އޭނާ ކަމަށް ބްރެޒިލްގެ އަދި ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ ބުނެފިއެވެ.

ބްރެޒިލްގެ މަޝްހޫރު ޔޫޓިއުބް ޗެނެލްއެއް ކަމަށްވާ ޑެސިމްޕެޑިޑޯސްއަށް ދިން އިންޓަވިޔުއެއްގައި ނޭމާ ބުނީ ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ފުޓްބޯޅައިގައި އެހެން ލެވެލްއެއްގެ ދެ ކުޅުންތެރިން ކަމަށާއި އެއީ އެހެން ދުނިޔެއެއްގެ ދެ ކުޅުންތެރިން ކަމަށެވެ.

"ފަހުގެ ތާރީހުގައި ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ އަހަރެން. އެއީ މެސީ އަދި ރޮނާލްޑޯ އަކީ އެހެން ޕްލެނެޓަކުން އައިސްފައިވާ ކުޅުންތެރިންނަށް ވުމުން" ނޭމާ ބުނެފައިވެއެވެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ނޭމާ ދައުވާކުރަމުން ގެންދާއިރު އޭނާ މިހާރު އަންނަނީ ބްރެޒިލްއާއި އެކު ވޯލްޑްކަޕް ކުޅެމުންނެވެ. އަދި އޭނާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ބްރެޒިލްއަށް 6 ވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީ ތާރީހުން ޖާގަ ހޯދުމަށް ކަމަށް ނޭމާ ވަނީ ބުނެފައެވެ.

ނޭމާގެ އިތުރުން ޕޯޗުގަލްއަށް ކުޅެމުން އަންނަ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ މީގެ ކުރިން އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ބުނެފައެވެ. އެގޮތުން ރޮނާލްޑޯ ބުނީ އޭނާއަކީ 21 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.