އިނގިރޭސި ޕްރިމިއާ ލީގުގައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓަރ ސިޓީން ނިއުކާސަލް އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މިމެޗުން ސިޓީ މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމާއެކު ސިޓީ ވަނީ އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ދެ ރެކޯޑެއް ގާއިމްކޮށްފައެވެ.

މި މޮޅާއެކު ސިޓީ ގާއިމުކުރި ދެ ރެކޯޑުގެ ތެރެއިން އެއް ރެކޯޑަކީ އިނގިރޭސި ހުރިހާ ޑިވިޝަނެއްގައި ރަށުންބޭރުގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑެވެ. ރަށުންބޭރުގައި ސިޓީ ކުޅުނު މެޗުތަކުގެ ތެރެއިން ޖެހިޖެހިގެން 12 މެޗުން ވަނީ މޮޅުވެފައެވެ. 1888 ގެ އިނގިރޭސި ލީގު ކަޕުގެ ފަހުން އަދި މިހާތަނަށް އެއްވެސް ޓީމަކަށް މި ޝަރަފް ހާސިލެއް ނުވެއެވެ.

އަނެއް ރެކޯޑަކީ ރަށުންބޭރުގައި ކުޅުނު 23 މެޗުން ބަލިނުވެ އިނގިރޭސި ފުޓްބޯޅައިގައި ގާއިމުކޮށްފައިވާ ރެކޯޑެވެ. މި ރެކޯޑު ކުރިން އޮތީ ބަލިނުވެ 22 މެޗު ހަމަކުރި ނޮޓްސް ކައުންޓީ އަތުގައެވެ.

މެޗުގައި ފުރަތަމަ ލީޑުނެގީ ނިއުކާސަލް އެވެ. މި ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެމިލް ކްރާފްތް އެޗެ. މި ހާފުގައި ސިޓީން ނަތީޖާ ހަމަހަމަކުރީ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަންސެލޯ އެވެ. ސިޓީން ލީޑުނެގި ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ފެރާން ޓޮރޭސް އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޮލިންޓަން ވަނީ ނިއުކާސަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފުގައި ނިއުކާސަލްގެ ޖޯސެފް ވިލޮކް އަށް މެޗުގެ 59 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 59 މިނެޓުގައި ލިބުނު މި ޕެނަލްޓީ ކާމިިޔާބެއް ނުކުރެވުނެވެ. ނަމަވެސް މި ޕެނަލްޓީ ލިބުނުތާ ތިން މިނެޓުފަހުން ލިބުނު ފުރުސަތަކުން ވިލޮކް ވަނީ ނިއުކާސަލްއަށް ލީޑުނެގި ލަނޑު ކާމިޔާބުކޮށްދީފައެވެ.

ނަމަވެެސް މި ލީޑު މާ ގިނައިރަކަށް ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ފެރާން ޓޮރޭސް އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އިރު މެޗުން ސިޓީ މޮޅުވި ލަނޑާއެކު ފެރާން ޓޮރޭސް ހެޓްރިކް ފުރިހަމަކުރީ 66 ވަނަ މިނެޓުގައެވެ.

މި މޮޅާއެކު ސިޓި ވަނީ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެއީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކު އެވެ. އެ ޓީމާއި އެންމެ ކައިރިން ޔުނައިޓެޑް އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.