ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްޕެއިން އާއި ޕޯޗުގަލް ކުޅުނު މެޗުގައި ޓީވީ ކޮމަންޓޭޓަރަށް ސްޕެއިންގެ ފޯވަޑް ލޫކަސް ވަޒްކުއޭޒް އަކީ ކާކުކަން އޮޅިއްޖެއެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ޑިއޭގޯ ކޮސްޓާގެ ބަދަލުގައި އިއާގޯ އަސްޕަސް ދަނޑަށް އަރުވަން ނިންމި އިރު ޓީވީ އިން މެޗު ބަލަން ތިބި މީހުންނަށް ލިބުނީ ހައިރާންކަމެކެވެ. އެއީ އިއާގޯ އަސްޕަސްގެ ޖާޒީގެ ފަހަތުގައި ނަން ޖަހާފައި ހުއްޓައި އޭނާ އަކީ ކާކުކަން ކޮމަންޓޭޓަރަށް އޮޅުމުންނެވެ.

އަސްޕަސް ދަނޑަށް އެރުވި ފަހުން ވެސް ކޮމަންޓޭޓަރު އޭނާގެ ނަމުގެ ބަދަލުގައި ބޭނުން ކުރީ ހަމަ ވަޒްކުއޭޒްއެވެ. އަސްޕަސް ޝޮޓު ނެގުމުން ވެސް ބުނީ ވަޒްކުއޭޒް ކަމަށެވެ.

މިކަން ޓީވީ ބަލަން ތިބި މީހުންނަށް ފާހަގަ ކުރެވުނު އިރު ގިނަ ބަޔަކަށް އެކަންވީ މަޖާ ކަމަކަށެވެ. ގިނަ ބަޔަކު ދިޔައީ ޓްވިޓާގައި ވެސް ކޮމަންޓޭޓަރަށް ޖޯކު ޖަހަމުންނެވެ.

އިއާގޯ އަސްޕަސް އާއި ވަޒްކުއޭޒް އަކީ ސިފައިގެ ގޮތުން އެހާ ވައްތަރު ދެކުޅުންތެރިން ނޫންކަންވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ރޭގެ މެޗު ނިމިގެން ދިޔައީ 3-3 އަކުން އެއްވަރު ވެގެންނެވެ. މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައި ހެޓްރިކެއް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު