މީގެ ކުރިން އާސެނަލް އަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އޮލިވއޭ ޖިރޫޑް ޗެލްސީ އަށް ބަދަލުވީ ޓްރާންސްފާ މާކެޓް ބަންދުވި ދުވަހުއެވެ. އާސެނަލް ފަދަ ކްލަބަކުން ވާދަވެރި ޗެލްސީ އަށް ޖިރޫޑް ފަދަ ކުޅުންތެރިޔަކު ވިއްކާލުމުން ގިނަ ބަޔަކަށް ސިހުމެއް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް، އޭނާ މިވަނ މިކަން އެހައި ފަސޭހަ ކަމާއި އެކު ކުރެވުނީ ކިހިނެތްކަން ހާމަ ކޮށްފައެވެ

ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖިރޫޑް ބުނެފައި ވަނީ އާސެނަލް އިން އޭނާ އަށް ޤަވާއިދުން ކުޅެން ނުލިބޭ ކަމަށާއި، މިކަމުގެ ސަބަބުން އެހެން ކްލަބަކަށް ބަދަލުވާން އޭނާ ނިންމީ ކަމަށެވެ. އާސެނަލް އަށް ޑޯޓްމަންޓުން އޮބްމަޔަންގް ގެނައުމުން ޖިރޫޑް ވަނީ އާސެނަލްގެ ކޯޗު، އާސެން ވެންގާ ކައިރީގައި އޭނާ އެހެން ކްލަބަކަށް ބަދަލުކޮށްދޭން އެދި ޕްރެޝަރު ކޮށްފައެވެ.

މިއާއިއެކު، ވެންގާ ވަނީ އޭނާ އެހެން ކްލަބަކަށް ބަދަލުކޮށްދޭނޭ ކަމަށް ބުނެ އެ ވައުދު ފުއްދާފައެވެ. ޖިރޫޑް އިތުރަށް ބުނެފައި ވަނީ އޭނާ އަށް ޗެލްސީ އަށް އެހައި ފަސޭހަ ކަމާއި އެކު ބަދަލު ވެވުނީ ވެންގާ އެކަމަށް އެއްބާރުލުން ދިނުމުންނެވެ.

5އަހަރާއި ބައިގެ މުއްދަތަށް އާސެނަލްގައި ކެރިއަރު ހޭދަކޮށްފައިވާ ޖިރޫޑް އެ ކްލަބު ދޫކޮށް ޗެލްސީ އަށް ގޮސްފައި ވާއިރު، ވެންގާ ވަނީ ޖިރޫޑް ރަޝިޔާގައި އޮންނަ ފީފާ ވޯލްޑް ކަޕުގައި ކުޅޭތަން ބަލަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ޗެލްސީގައި ރަނގަޅު ކުޅުމެއް ޖިރޫޑް ދައްކަމުން އަންނަ އިރުގައި، މިރޭ ޗެމްޕިއަންސް ލީގުގައި ޗެލްސީ ވަނީ ބާސެލޯނާ އާއި ދެކޮޅަށް ނިކުތުމަށް ތައްޔާރުވެފައެވެ.