ފީފާ ވޯލްޑްކަޕް 2018 ގެ ގުރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ރޭ ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ފޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ފްރީކިކް ގޯލަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.

ރޭގެ މެޗު 3-2 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވަން ދަނިކޮށް މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. މިއީ ރޮނާލްޑާ އޭނާގެ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ.

އަދި ރޮނާލްޑޯ ފޮނުވާލި ފްރީކިކްއަށް ސްޕެއިންގެ ތަޖުރިބާކާރު ކީޕަރު ޑޭވިޑް ޑެހެޔާ ހަރަކާތް ހުއްޓިފައި ހުރި އިރު ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުނަމުން އައީ އެވަގުތު އެ ބޯޅަ ދިފާއު ކުރާނެ އެެއްވެސް ގޮތެއް ޑެހެޔާއަށް ނުވިސްނުނީ ކަމަށެވެ.

މީގެ ކުރިން ރޮނާލްޑޯ ޖަހާފައިވާ ޕެނެލްޓީތަކާއި ފްރީކިކްތަށްވެސް ދިފާއުކޮށްފައި ވާ ޑެހެޔާއަކީ ދުނިޔޭގެ މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެކެވެ.

ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ފްރީކިކް އަކީ ވަރަށް މޮޅަށް އައި ސީދާ އޭންގަލްއަށް ޖަހާފައިވާ ފްރީކިކް އެއް ކަމަށް ފުޓްބޯޅައިގެ މާހިރުން ބުނެއެވެ. އަދި އެ ބޯޅަ ދިފާއު ކުރުމަކީ ވުމަށް ވުރެއް ނުވުން ގާތް ކަމެއް ކަމަށް އެ ފަރާތްތަށް ބުނެއެވެ.