އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް އާޖެންޓީނާއާއި އަލަށް ވޯލްޑްކަޕަށް ކޮލިފައިވި އައިސްލޭންޑްގެ ކުރިމަތިލުން މިއަދު އޮންނާނެއެވެ.

ގްރޫޕް ޑީގައި އާޖެންޓީނާ އަދި އައިސްލޭންޑް ވާދަކުރާއިރު ސައިޒުގެ ގޮތުންނާއި ހުނަރުގެ ގޮތުން އާޖެންޓީނާއަކީ ފާހަގަކޮށްލެވޭ ޓީމެކެވެ.

އެގޮތުން އާޖެންޓީނާއަކީ މީގެ ކުރިން ދެފަހަރެއްގެ މަތިން ވޯލްޑްކަޕްގެ ތަށި އުފުލާލައިފައިވާ ގައުމެއްވެސް މެއެވެ. އަދި އެ ގައުމަކީ ދުނިޔޭގެ މޮޅެތި ކުޅުންތެރިންތަކެއް އެކުލެވޭ ވަރުގަދަ ޓީމެކެވެ. އެގޮތުން ބާސެލޯނާއަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އާއި ޖުވެންޓަސްގެ ދިބަލާއާއި އެޓީމުގެ ހިގުއިންގެ އިތުރުން ޕީއެސްޖީއަށް ކުޅެމުން އަންނަ ޑިމާރިއާއާއި މެންޗެސްޓާ ސިޓީގެ އަގުއެރޯ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ޔޫރަޕްގެ ބޮޑެތި ލީގުތަކާއި މުބާރާތްތަކުގައި ކުޅުމުން އަންނަ ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ އާޖެންޓީނާއަކީ މިފަހަރުގެ ވޯލްޑްކަޕްގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ގައުމެއްވެސް މެއެވެ. އަދި ގިނަ ބައެއްގެ ނަޒަރުގައި މިފަހަރުގެ ވޯލްޑްކަޕަކީ އާޖެންޓީނާއަށް ހައްގު އެއްޗެކެވެ. އާބާދީގައި 43.83 މިލިއަން މީހުން އުޅޭ އާޖެންޓީނާއަކީ މީގެ ކުރިންވެސް ފުޓްބޯޅައިގައި ރަސްކަން ކުރި ގައުމެކެވެ.

އައިސްލޭންޑަކީ ތިންލައްކައިގެ ކުޑަ އާބާދީއެކެވެ. މީގެ ކުރިން ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް އައިސްލޭންޑަށް ހޯދިފައި ނުވާއިރު އެޓީމުގެ ވިދުން އެންމެ ގަދަވެގެން ދިޔައީ 2016 ވަނަ އަހަރުގެ ޔޫރޯގެ ތެރެއިންނެވެ. އިންގްލެންޑް އާއި ނެދަލެންޑްސް ފަދަ ބޮޑެތި ގައުމުތަށް ސިއްސުވާލުމަށް ފަހު އައިސްލޭންޑުން ވަނީ ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. ޔޫރޯގެ ކުއާޓާ ފައިނަލްގައި އައިސްލޭންޑް ބަލިވެފައިވަނީ ފްރާންސްގެ އަތުންނެވެ.

ޔޫރޯގައި ލިބުނު ކާމިޔާބީގެ ސަބަބުން ފީފާ ރޭންކިންގ 23 ވަނަ އައިސްލޭންޑަށް ވަނީ ލިބިފައެވެ. އެހެންކަމުން އެއީ އެފަދަ ކުޑަ އާބާދީ އަކާއި ބަލައި ބޮޑު ކާމިޔާބީއެއް ކަން ކަށަވަރެވެ.

ފީފާ ވޯލްޑްކަޕް 2018 ގެ ގްރޫޕް ޑީގައި އާޖެންޓީނާއާއި ދެކޮޅަށް މިއަދު އައިސްލޭންޑް ނުކުންނަ އިރު އެ ގައުމުން މަސައްކަތް ކުރާނީ މޮޅުވަން ކަމުގައި އެ ގައުމުގެ ކޯޗު ވަނީ ބުނެފައެވެ. އަދި މެޗުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން މެސީއަށް ތައުރީފް ކުރަމުން އައިސްލޭންޑްގެ ކޯޗު ބުނީ މެސީ ހުއްޓުވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަށް ގެންގުޅެންވީ ފޯމިއުލާއެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އަދި މެސީ އަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގޯލާއި ރައްޓެހި ކުޅުންތެރިއެއް ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

2014 ވަނަ އަހަރު ފީފާ ވޯލްޑްކަޕްގެ ފައިނަލުގައި ޖަރުމަނު އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި އާޖެންޓީނާ މިފަހަރު މަސައްކަތް ކުރާނީ ކުޅޭ ހުރިހާ މެޗަކުން މޮޅުވެ މުބާރާތް ކާމިޔާބު ކުރުން ކަމުގައި އެގައުމުގެ ކޯޗުވަނީ ބުނެފައެވެ. އަދި މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ މީގެ ކުރިން ބުނެފައެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން 18:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން މ. މުލި

    43 މިލިއަން މީހުންނަށް އެއް ޓީމް
    3 ލައްކަ މީހުންނަށް އެއް ޓީމް
    ޢަންނި މީތި އިނސާފުތޯ ބަލާލަ ދީބަލަ