ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސްޓީވަން ޖެރާޑްގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ސްކޮޓްލޭންޑްގެ ރޭންޖާސް އިން އެ ގައުމުގެ ލީގު ކާމިޔާބުކޮށްފިއެވެ.

މިފަހަރުގެ ލީގު ރޭންޖާސް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. އެ ޓީމު ލީގުގެ ތަށި އުފުލާލީ މިއަދު އެބަޑީން ގެ މައްޗަށް 4-0 އިން ކުރިހޯދައިގެންނެވެ.

މި ކާމިިޔާބީއާއެކު އެންމެ ބޮޑު އުފަލެއް ލިބޭނެ އެކަކަކީ އުމުރުން 40 އަހަރުގެ ސްޓީވަން ޖެރާޑް އެވެ. މިއީ ޖެރާޑްގެ ކޯޗިން ކެރިއަރުގައި އޭނާއަށް ލިބުނު ފުރަތަމަ ތައްޓެވެ.

ރޭންޖާސް އިން އެންމެފަހުން ލީގު ކާމިިޔާބުކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ. މިއީ ސެލްޓިކް އަށްފަހު މެޗަކުން ބަލިނުވެ ޓީމަކުން ސްކޮޓިޝް ލީގު އުފުލާލި ފުރަތަަމަ ފަހަރެވެ. ރޭންޖާސް ޓީމުން މި ސީޒަން ނިންމާލީ 38 މެޗުން 102 ޕޮއިންޓް ހޯދައިގެންނެވެ. ކައިރީގައި ޖެހިގެން ދެވަނައިގައި ސެލްޓިކް އޮތީ ބޮޑު ފަރަގަކާއެކު އެވެ. އެ ޓީމު އޮތީ 77 ޕޮއިންޓާއެކު އެވެ .

މިއަދުގެ މެޗުގެ ވަރަށް ކުރީކޮޅު ރޭންޖާސް ޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ އިދިކޮޅު ޓީމުގެ ޖޯ ލެވިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރޭންޖާސް އަށް ލީޑު ފުޅާކޮށްދިން ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެމާ ރޫޕް އެވެ. އަދި ތިންވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖެހީ ރޫފް އެވެ. ރޭްޖާސްގެ ހަތަރުވަނަ ލަނޑު ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖަމެއިން ޑެފޯ އެވެ.

މިފަހަރުގެ ލީގުގައި ރޭންޖާސް ކޮޅަށް ވަދެފަައިވަނީ 13 ގޯލެވެ. މިއީ ސްކޮޓްލޭންޑް ލީީގުގައިވެސް ރެކޯޑެވެ. މިއާއެކު ރޭންޖާސް ވަނީ ގަރުނަކަށްވުރެ ގިނަދުވަސް ވެފައިވާ ރެކޯޑަކާއި އަރާ ހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު